09 Nov 2020, 10:38
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތް، ޖީޑީޕީގެ 23 ޕަސެންޓަށް އަރާއިރު އެ ޑެފިސިޓް ފޫބައްދަން ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހަޅުއްވައި ދެއްވި 2021 ވަނަ އަހަރުގެ ބަޖެޓުގައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 34.79 ބިލިއަން ރުފިޔާއަށް އަރާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ބަޖެޓަށް ލިބެނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓު 15.50 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ އެވެ.
އުފެއްދުންތެރިކަން ނޫނި ޖީޑީޕީގެ 23 ޕަސެންޓަށް ބަޖެޓް ޑެފިސިޓް އަރާއިރު، މިނިސްޓަރު ވިދާޅުވީ އެ ޑެފިސިޓް ފޫބައްދަން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ރާއްޖެއިން ބޭރުން ފައިނޭންސް ހޯދުމަށް ކަމަށެވެ.
އެ ސިޔާސަތުގެ ދަށުން، އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާވީހާ ވެސް ކުޑަކޮށް ޕްރައިވެޓައިޒްކުރުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. މީގެ ބޭނުމަކީ ކުންފުނިތަކަކީ ހިންގުން ރަނގަޅު އަދި ފައިދާ ނެރޭ ކުންފުނިތަކަކަށް ހެދުން ކަމަށް ވެސް މިނިސްޓަރު އަމީރު ފާހަގަ ކުރެއްވި އެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކް މާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތައް. އެހެންކަމުން ވަކި އުސޫލެއްގެ ދަށުން، މި ދިމާލަށް ކުންފުނިތައް ފައްސިޔަކުރުމަކީ މުސްތަގުބަލަށް މުހިއްމުކަމެއް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
އެހެންކަމުން ހިއްސާގެ ބާޒާރުގައި ކުންފުނިތައް ލިސްޓުކޮށް އިތުރު ހިއްސާވިއްކުމާއި ކުންފުނިތަކުގެ ހިއްސާ ގަންނާނެ ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމެނޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ލަފާކުރެއްވި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން މުޅިން އަލަށް 462.6 މިލިއަން ރުފިޔާ އަންނަ އަހަރު އާމްދަނީގެ ގޮތުގައި ބަޖެޓަށް ހޯދޭނެ އެވެ.
މީގެ ކުރިންވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރި އެވެ. އެގޮތުން ދިރާގާއި އެމްޑަބްލިއެސްސީގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަލަށް ހިމަނާ ކަންކަމުން މުޅިން އަލަށް 1.22 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނޭ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެގޮތުން ހަ ކަމަކުން ބަޖެޓަށް މުޅިން އަލަށް އާމްދަނީ ހޯދަން ވަނީ ހިމަނައިފަ އެވެ. އެއީ؛
ޓޫރިޒަމަށް ބިން ދޫކޮށްގެން: 154 މިލިއަން ރުފިޔާ.
- މާލެ ސަރަހައްދުން ކޮންޖެޝަން ޗާޖާއި/ޕާކިން ފީ: 37 މިލިއަން ރުފިޔާ.
- ދިވެހީންނަށް ބިންވިއްކައިގެން: 300 މިލިއަން ރުފިޔާ
- ރިއަލް އެސްޓޭޓް ޓޫރިޒަމުން: 154 މިލިއަން.
- އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖަށް ގެންނަ ބަދަލު: 273 މިލިއަން ރުފިޔާ.
އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވިފައި ވަނީ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 17.79 ބިލިއަން ރުފިޔާ އެވެ.