09 Nov 2020, 10:41
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް ފަށާނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
2021 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި ބަޖެޓު އިއްވާފަ އެވެ.
މިނިސްޓަރުގެ ބަޖެޓް ސްޕީޗަށް ފަހު މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް މިއަދު ބަޖެޓް ފޮނުވޭނެ ކަމަށެވެ. ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެކުލަވާލާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި އިގްތިސާދީ ކޮމިޓީ އެއްކޮށްލައިގެންނެވެ.
"އަޅުގަނޑުމެންނަށް ބަޖެޓްގެ ބަހުސް ފެށޭނީ 16 ވަނަ ދުވަހު. އަޅުގަނޑު ދެކޭގޮތުގައި ބަޖެޓުގެ ބަހުސްގައި އިއްޒަތްތެރި މެމްބަރުން 21 ގަޑިއިރު ހޭދަކުރައްވާނެ. އެހެންނަމަވެސް މެމްބަރުން ބަޖެޓުގެ ބަހުސްގައި ހޭދަކުރައްވާނެ ވަގުތު ކަނޑައަޅުއްވައި ދެއްވާނީ އާންމު ކޮމިޓީއިން." ނަޝީދު ވިދާޅުވި އެވެ.
ބަޖެޓު ބަހުސް ކުރިއަށް ދަނީ މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ތިން ދުވަހުގެ ރެޔާއި ދުވާލު ބަހުސް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ބަޖެޓު ކޮމިޓީއިން ބަޖެޓް ދިރާސާ ކުރުމަށް ފަހު މިމަހުގެ 19 ވަނަ ދުވަހު ބަޖެޓު ތަޅުމާ ހަމައަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޮމިޓީ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފަހު ދުވަހަކީ މިމަހުގެ 22 ވަނަ ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ފަށާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމަށް 10 ވަަރަކަށް ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބަޖެޓަށް ވޯޓަށް އެހޭނެ ކަމަށް ލަފާކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
މިމަހުގެ 16 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެދުވަހުވެސް މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.