ކޮވިޑާ އެކު އިގްތިސާދު ނެގެހެއްޓުމަށް ކުރާ މަސައްކަތާ އެކު ދަރަނި ބޮޑުވެފައިވީ ނަމަވެސް ދަރަނި އަދާ ކުރުމަށް ހަރުދަނާ ޕްލޭނެއް އޮތް ކަމަށާއި އަދި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދުވެސް މަޖިލީހަށް ދެއްވައިފި އެވެ.

މިނިސްޓަރު އަމީރު 2021 ވަނަ އަހަރަށް މިއަދު ހުށަހެޅުއްވި 34.79 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވެސް ޑެފިސިޓް ނުވަތަ ބަޖެޓު ދަރަންޏަކީ 15.50 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 23 ޕަސެންޓުގެ ޑެފިސިޓެކެވެ.

ބަޖެޓާ ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައި މާލީ ވަޒީރު އަމީރު ވިދާޅުވީ ދަރަނި މެނޭޖްކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އަދި ދަރަނި ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުގެ އޮތްކަން ފާހަގަ ކުރައްވައި މިނިސްޓަރު އަމީރު އެދިވަޑައިގެންނެވީ ދަރަނިތައް ދެއްކޭނެ ކަމާ މެދު ސަރުކާރަށް ހުރިހާ ފަރާތްތަކުން ވެސް އިތުބާރު ކުރެއްވުމަށެވެ.

"ދަރަންޏާއި ދަރަނި އަދާކުރުމުގެ ގާބިލުކަމާމެދު އެކި ފަރާތްތަކަށް މި ހާލަތުގައި ސުވާލު އުފެދޭނެ. އެ ފަދަ ކަންބޮޑުވުންތަކަށް އަޅުގަނޑުމެން އެޑްރެސްކުރާނީ ހާލަތު އިތުރަށް ގޯސްނުވާނޭހެން ވިސްނުންތެރިކަމާއެކުގައިކަން ޔަގީންކޮށް އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސްއެކާވީސް ވަނަ އަހަރު ނިމޭރިއިރު ދައުލަތުގެ ދަރަނި 82.8 ބިލިއަން ރުފިޔައަށް އަރާނެ ކަމަށް މިނިސްޓަރު އަމީރު މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް މެދުރާސްތާ ދަރަނި ކުޑަ ކުރެވޭނެ ކަމަށެވެ.

މެދުރާސްތާގައި ދަރަނި "ސަސްޓެއިނަބަލް" ނުވަތަ ދެމެހެއްޓެނިވި މަގަށް ގެންނަން، ޖީޑީޕީ އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އަދި ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު "ގްރޯތް ޕާތް" އަކަށް ދާންޖެހޭ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"2021 ވަނައަހަރު ބަޖެޓުގެ އަމާޒަކީ މިއީ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ކޮވިޑާ ހެދި އަންދާޒާކުރި ގޮތާއި ހިލާފަށް އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 29.3 ޕަސެންޓުން ދަށްވެފައިވާ ކަމަށެވެ. އަދި އާމްދަނީ ދަށްވުމާއި ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރުވެފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އެހެންކަމުން ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މިހާރުވެސް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކަމުގައި ސަރުކާރުން ދަނީ ތަޖުރިބާކާރުންގެ ލަފާއާއި އިރުޝާދު ބޭނުންކުރަމުން. މިކަމުގައި މި އިއްޒަތްތެރި މަޖިލީހުގެ ލަފާވެސް ބޭނުންކުރަމުން ގެންދާނަން. ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް. ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' ނުވަތަ ކަމަރު ބާރުކުރުމަކީ މިވަގުތު ބުއްދިވެރިކަމެއް ނޫން. ކަމަރު ބާރުކުރަންވާނީ ރިކަވަރީއަށް ފަހު." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ތަދުމަޑުކަމަކީ ކުރު މުއްދަތުގެ މައްސަލައެއް ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންވީމާ އެއީ އަހަރުތަކަކަށް ދިގުދެމިގެންދާނެ މައްސަލައަކަށް ހަދައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ލޯނު ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުން. އަދި މިކަމަށް ފޯކަސްކޮށް، ކްރެޑިޓަރސް ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތްތައް ދަނީކުރަމުން. ޖީ-20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވްގައި އަޅުގަނޑުމެން މިހާރު މި ވަނީ ބައިވެރިވެފައި. މި ސަސްޕެންޝަން 2021 ވަނައަހަރު އިތުރަށް ކުރިއަށް ގެންދާނެ. މީގެ އިތުރުންވެސް ތަޖްރިބާކާރުންގެ އެހީއާއެކު ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވޭ." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި މައްޗަށް ދިއުމާއި އިގްތިސާދީ ކުރިމަގާމެދު ހުރަސްތަކެއް ހުރިކަން އެއީ ދެބަސްވެވޭކަމެއް ނޫން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. ނަމަވެސް މިއީ ރާއްޖެއަށް އެކަނި ދިމާވި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއީ ސިޔާސަތުގެ މައްސަލައަކުން ދިމާވި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.