21 Jan 2012, 14:04
ސަރުކާރުން އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ބޭނުން ކުރަނީ "ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ މެޝިނެއްގެ ގޮތުގައި" ކަމަށް ޕީޕީއެމުން ބުނެފި އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ޕީޕީއެމް މެންބަރު ޑީއާރްޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ލާދީނީ ކަން ކަމޭ ބުނުމުން އެ ބުނެވެނީ ދީނުން ބޭރުވެފައިވާ ބައެއް ތިބި ވާހަކަ ކަމަށް ދޭހަވާ ކަމުގައި ޑރ. މަޖީދު ވެސް ވިދާޅުވެފައިވާ ކަމަށް މިދިޔަ ހަފްތާގައި ރައީސް ދެއްވި ރޭޑިއޯ ހިތާބުގައި ވިދާޅުވެފައިވާ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށާއި އިސްލާމިކް މިނިސްޓްރީ އެއް އޮތް ނަމަވެސް އެ މިނިސްޓްރީގެ ބޭނުންމެއް ނެތް ކަމަށެވެ.
"އިސްލާމިކް މިނިސްޓްރީ އޮތް ކަމުގައިވީ ނަމަވެސް އެ މިނިސްޓްރީއަކަށް މާބޮޑު ބާރެއް ނޯވޭ. މި މީހުން [މި ސަރުކާރުން] އަޅުގަނޑު ދަންނަވާނީ އިސްލާމިކް މިނިސްޓްރީ ނުވަތަ ޑރ. މަޖީދު ބޭނުން ކުރައްވަމުން ގެންދަވަނީ މި މީހުންގެ ދީނީ ޕްރޮޕެގަންޑާ ފަތުރާ މެޝިނެއްގެ ގޮތުގަ އޭ،''
އަދި ޑރ. މަޖީދަށް މަޖުބޫރު ކުރުވައިގެން ސަރުކާރުން ބޭނުންވާ ވާހަކަތައް ދައްކުވައިގެން ރައްޔިތުނަށް އޮޅުވާލުމަށް ގެންދާ ކަމަށް ނާފިޒް ވަނީ ތުހުމަތުތައް ކުރައްވާފަ އެވެ.
ޑރ. މަޖީދާއި ސަރުކާރުން "ލާދީނީ ސަރުކާރު" މާނަ ކުރަނީ އަސްލު މާނައިގައ ނޫން ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.
"ޑރ. މަޖީދު އެހެން ވިދާޅުވި ނަމަވެސް 'ލާދީނު'ގެ މާނައަކީ ކޮންމެހެން އެ ކުރާކަމެއްގެ ސަބަބުން ދީނުން ބޭރުވުމެއްނޫން. އެހެން ނަމަވެސް ދީނާ ނުގުޅޭ ކަންތައްތައް، ދީނަށް ފުރައްސާރަ ކުރުމާއި ދީނަށް އިހާނެތިކޮށް ހިތުމާ މިކަހަލަ ހުރިހާ ކަމަކީ ލާދީނީ ކަންކަން. އެހެންވީމާ އަޅުގަނޑުމެނަށް ގަބޫލު ކުރެވޭ ގޮތުގައި މި ސަރުކާރަކީ ލާދީނީ ސަރުކާރެއް،" ނާފިޒު ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުގައި ތިއްބެވި ދީން އެނގިވަޑައިގަންނަވާ ބޭފުޅުންގެ އަގު ވައްޓާލަން މަސައްކަތް ނުކުރުމަށް ވެސް ޕީޕީއެމުން މިއަދު ވަނީ ގޮވާލާފަ އެވެ.
"ހަގީގަތުގައި ބޭނުންވާ ކޮންމެ އެއްޗެއް ބޭނުންވާ ކޮންމެ ވާހަކައެއް ރައްޔިތުނަށް އޮޅުވާލުމަށްޓަކައި ޑރ. މަޖީދަށް މަޖުބޫރު ކުރުވައިގެން ދައްކަވާ ވާހަކަތަކެއް ދައްކަވަމުން ގެންދަވަނީ. ޑރ. މަޖީދަކީ ދީން އެނގިވަޑައިގަންނަވާ ރަނގަޅު ބޭފުޅެއް. އެހެން ނަމަވެސް ސަރުކާރުގެ ނުފޫޒާއި ސަރުކާރުގެ ބާރު އެމަނިކުފާނުގެ މައްޗަށް ފޯރާފައި އޮންނަވަރުން ބައެއް ފަހަރު ޕްރޮޕެގަންޑާއެއް ގޮތަށް ބޭނުން ކުރަމުންދަނީ،" ނާފިޒު ވިދާޅުވި އެވެ.