މިވަގުތު ޔޫރޮޕުގެ އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޖޮޝުއާ ކިމިޗްއަށް އަނިޔާވެ ތިން މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ނިމިގެން ދިޔަ ސީޒަނުގައި ޖަރުމަނުގެ ޑޮމެސްޓިކް ތިން ތައްޓާއި، ޔޫރޮޕުގެ އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރޮޕިއަން ސުޕަކަޕް ބަޔާނުން ކާމިޔާބު ކުރި އިރު ކިމިޗް އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ކަނާއަތް ފަޅީ ވިންގަކަށް އެ ސީޒަނަށް ކުޅުމަށްފަހު މި ސީޒަނުގައި ބޮޑަށް ބަޔާންގެ ޑިފެންސިން މިޑްފީލްޑަރެއްގެ ރޯލު އޭނާ އަދާކުރަމުން ދަނީ ކުރިން އެ މަގާމަށް ކުޅުނު ތިއާގޯ އަލަކަންޓްރާ އެ ޓީމު ދޫކޮށް ލިވަޕޫލަށް ބަދަލުވުމުންނެވެ.

ކިމިޗް 25، އަށް އަނިޔާވެފައި ވަނީ އެންމެ ފަހުން ބަޔާން އަދި އެ ޓީމުގެ އެންމެ ބޮޑު ވާދަވެރިޔާ ބްރޮޝިއާ ޑޮޓްމަން ބައްދަލު ކުރި މެޗުގަ އެވެ. ވާދަވެރި ކުޅުމަކަށްފަހު 2-3 ގެ ނަތީޖާއަކުން ބަޔާން އެ މެޗު ކާމިޔާބު ކުރި އިރު، މެޗުގެ 36 ވަނަ މިނަޓުގައި ކިމިޗްއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ކިމިޗްއަށް އަނިޔާވީ ޑޮޓްމަންޑުގެ ފޯވާޑް އާލިންގް ހާލަންޑް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގަ އެވެ.

ބަޔާނުން އިއްޔެ ހާމަކުރި ގޮތުގައި ކިމިޗްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ އިއްޔޭގެ ވަގުތެއްގައި ސާޖަރީއެއް ކޮށްފަ އެވެ. ވާއަތު ކަކުލުގެ ލެޓަރަލް މިނިސްކަސްއަށް ލިބުނު އެ އަނިޔާއާ ގުޅިގެން އެންމެ އަވަހަށް ވެސް ދެން ކިމިޗްއަށް ދެން އަނބުރާ ކުޅުމުގައި ބައިވެރިވެވޭނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކަމަށް ބަޔާނުން ވަނީ ބުނެފަ އެވެ.

ކިމިޗްގެ އަނިޔާއާ އެކު ކުރިއަށް އޮތް އިންޓަނޭޝަން ބްރޭކުގައި ޖަރުމަނު ކުޅޭ ތިން މެޗެއް އޭނާއަށް ގެއްލޭނެ އެވެ. އޭގެ ތެރޭގައި ކެޗް ރިޕަބްލިިކާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗާއި ނޭޝަންސް ލީގުގައި ސްޕެއިން އަދި ޔުކްރޭނާ ދެކޮޅަށް ކުޅޭ މެޗުތައް ވެސް ހިމެނޭ އިރު، ޗެމްޕިއަންސް ލީގުގައި ވެސް ބަޔާންއަށް މުހިއްމު މެޗުތަކެއް އެބަހުއްޓެވެ.