09 Nov 2020, 08:53
ލަންޑަން (ނޮވެމްބަރު 9): ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ހެދި ތިން ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ނުރައްކާ އޮތް ކަމަށް އިނގިރޭސި އަސްކަރިއްޔާގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
ކުރީގެ ހަނގުރާމަތަކުގައި މަރުވެފައިވާ މީހުންގެ ހަނދާން އާ ކުރަން އިނގިރޭސިވިލާތުން ފާހަގަ ކުރާ ރިމެމްބަރެންސް ސަންޑޭގައި ވާހަކަ ދައްކަވަމުން އިނގިރޭސި ޗީފް އޮފް ޑިފެންސް ސްޓާފް ނިކް ކާޓާ ވިދާޅުވި ގޮތުގައި ސަރަހައްދީ ދެކޮޅުވެރިކަން އިތުރުވެ، އޭގެ ސަބަބުން އެޅޭ ނުރަނގަޅު ފިޔަވަޅެއްގެ ސަބަބުން ހަމަނުޖެހުންތައް ފުޅާ ވެގެން ގޮސްދާނެ އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ވަރަށް ނުތަނަސްވަންކަން ބޮޑު، ދެން ވާނެ ގޮތެއް ނޭނގޭ ފަދަ ދުނިޔެއެއްގައި، އެކި ގައުމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަންވެސް އެބަ އޮތް، އަދި ސަރަހައްދީ ހަމަނުޖެހުންތަކާ ހެދި އޮތް އަސްލު ނުރައްކަލަކީ ނުރަނގަޅު ފިޔަވަޅެއްގެ ސަބަބުން މައްސަލަ ގޯސްވެގެން ދިޔުން ހެން އަޅުގަނޑަށް ހީވަނީ،" ސްކައި ނިއުސްއަށް ދެއްވި އިންޓަވިއުގައި ކާޓާ ވިދާޅުވި އެވެ.
ކާޓާ އެފަދައިން ވިދާޅުވުމުގެ މާނައަކީ ތިން ވަނަ ބޮޑު ހަނގުމާއެއް ފެށުމުގެ ނުރައްކާ މިހާރު އޮތްކަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އެ ނުރައްކާ އޮތް ކަމަށާއި އެކަން ދެނެގަންނަން ޖެހޭ" ކަމަށެވެ.
މީގެ އިތުރުން ކުރީގެ ދެ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިންވެސް ސަރަހައްދީ މައްސަލަތަކެއް ގޯސްވެ، ބަޔަކަށް ހެދުނު ގޯހެއްގެ ސަބަބުން ހަނގުރާމައަށް މަގުފަހިވީކަން ކާޓާ ފާހަގަ ކުރެއްވި އެވެ. އަދި ކުރީގެ ހަނގުރާމަތަކުގައި މަރުވި މީހުންގެ ހަނދާން އާކޮށް، މީގެ ކުރިން ހެދުނު ގޯސްތައް ތަކުރާރު ނުކުރުން މުހިއްމު ކަމަށް ކާޓާ ވިދާޅުވި އެވެ.