21 Jan 2012, 12:00
ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާއާ ގުޅިގެން ދެ ދުވަސް މަތީން 40 ހަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ އިއްޔެ މެންދުރު ފަހު ޖުމްހޫރީ މައިދާނު ދޮށަށް އެއްވެ ކުރި މުޒާހަރާއިގައި ފުލުހުނަށް ނުކިޔަމަންތެރިވި 27 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ދޫކޮށްލާފައިނުވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލު ހަސަން ހަނީފު ވިދާޅުވި އެވެ.
މީގެ އިތުރުން ރޭ މާލޭގެ އެކި ސަރަހައްދުގައި ކުރި މުޒާހަރާއާ ގުޅިގެން 16 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދޫކޮށްލި މީހުންގެ ތިން އަންހެނުން ހިމެނޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މީގެ އިތުރުން އިއްޔެ ޔޫތު މިނިސްޓަރު ހަސަން ލަތީފު ދިރއުޅުއްވާ ގެކޮޅަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތު ކުރެވޭ އެކަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އެންމެން ވެސް ތިބީ ދޫނިދޫގައި ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ ވީޑިއޯ: އިއްޔެ މެންދުރު ކުރި މުޒާހަރާގެ ބައިވެރިން ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ
http://www.youtube.com/watch?v=4ZPyqAmOGQ8