މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ތަސްދީގު ކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ "މިއީ މުޒާހަރާ ގާނޫނު އަސާސީ" ކަމަށެވެ.

އޭރު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި ރައީސް ނަޝީދު އޭގެ ކުރިންނާއި ފަހުން ވެސް ވަނީ ގިނަ މުޒާހަރާތަކެއްގައި އަމަލީ ގޮތުން ބައިވެރިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ މުޒާހަރާއެއް ކުރި ސިޔާސީ ޕާޓީ އެވެ.

"މުޒާހަރާ ގާނޫނު އަސާސީ" އަށް އަމަލުކުރަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ކަމަށް ވަޑައިގެންނެވި ނަޝީދުގެ ވެރިކަމަކީ މުޒާހަރަތައް ގިނަ ވެރިކަމެކެވެ. "ކަރަންޓް މުޒާހަރާ" އާއި "ޑޮލަރު މުޒާހަރާ" އާއި މިފަދަ އެތައް މުޒާހަރާއެކެވެ.

އެ މުޒާހަރާތަކުގައި ރައީސް ނަޝީދުގެ އަމުރަށް ފުލުހުން އަމަލުކޮށްފައި ވަނީ، އެ ވިދާޅުވި މުޒާހަރާ ގާނޫނު އަސާސީގައިވާ ގޮތަށްތޯ އެއީ މިއަދު ކުރަން ޖެހޭ ސުވާލެކެވެ.

ސަރުކާރާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކެވި ކަމުގެ ތުހުމަތަށް ކަމަށް ބުނެ ފުލުހުން ގައުމީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު އެތައް ފަހަރެއްގެ މަތިން ހައްޔަރުކުރުމާއި ގައުމީ ދިފާއީ ބާރު ( އެމްއެންޑީއެފް) އިން ކްރިމިނަލްކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު (އަބުދުﷲ ގާޒީ) ހައްޔަރުކުރުމާ ދެކޮޅު ހެދުމަށް މިމަހުގެ 14 ވަނަ ދުވަހު ފެށި އެ މުޒާހަރާތަކުން އެކަން ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ.

މުޒާހަރާގެ މައިދާން އެމްއެމްއޭ ކުރިމަތިން އޮންނަ ސަރަހައްދުން ފައްސާލުމުން މުޒާހަރާގެ ބައިވެރިން މުޅި މާލޭގައި ހިނގުމަކީ މިމުޒާހަރާތަކަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ އެއް ކަންތަކެވެ. ނަމަވެސް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ މަގުތަކުގައި މުޒާހަރާ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް މި ހީވަނީ ދުއްވާއެއްޗެހި ދުއްވުމަށް ނޫނީ ހިނގާ ބިނގާވެ އުޅުމަށޭ މަގުތައް ބޭނުން ހުންނީ. ނޫނީ އާއްމު ތަންތަން ހުންނަނީ، އެކަމަކު ބައިނަލްއަގުވާމީ އެއްވެ އުޅުމުގެ ގާނޫނީ ހަމަތައް ދެކޭ ގޮތުގައި މަގުގެ ބޭނުމުގެ ތެރޭގައި ހިމެނޭ މިހާރު އެތަންތަނަކީ މުޒާހަރާ ކުރެވޭ ތަންތަނަށް ވުން ވެސް، އެހެން ގޮތަކަށް ގާނޫނުގައި މަނާ ސަރަހައްދެއް ލާފައި ނެތް ނަމަ،" ނަޝީދު ވިދާޅުވި އެވެ.

ފާޑުކިޔާ އެހެން ފަރާތްތަކެކޭ އެއްފަދައިން މަގުތަކުގައި މުޒާހަރާ ކުރި ނަމަވެސް ފެންފޯއް ރުއްތައް އުފުރުމާއި ބައެއް ގޭގެއާއި ވެހިކަލްތަކަށް ގެއްލުންދިނުން ފަދަ ކަންތައްތައް ކުރުމަކީ ކޮށްގެން ވާނެ ކަންތައްތަކެއް ނޫންކަން ނަޝީދު ވެސް ފާހަގަ ކުރެއްވި އެވެ.

"އެއީ ގޯސް، ކޮންމެ މީހަކު ކުރިޔަސް އެބައި ބައި އެއީ ގޯސްކަންތައްތައް ، އެހެން ނަމަވެސް އެތަންތަނުގައި ހުންނަ ދައުލަތުގެ މުދަލަށް އަމިއްލަ މީހުންގެ މުދަލަށް ގެއްލުން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން. އެކަން ކުރާ މީހުންނާ މެދު އެކަންކަން ކުރީތީ އަޅަން ޖެހޭ ފިޔަވަޅު ގާނޫނީ ގޮތުން އަޅަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ރާއްޖޭގެ ތަޖުރިބާ އަށް ބަލާ އިރު މައްސަލައަކީ އެފަދަ މީސްމީހުންނާ ދޭތެރޭ ތަފާތުކޮށް އަމަލު ކުރުން ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރި އަނެއް ކަމަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖިދުއް ސުލްތޯނު މުހައްމަދު ތަކުރުފާނުލް އައުޒަމާއި ސިފައިންގެ ހެޑްކުއާޓަރާ ދެމެދުގައި އޮންނަ ގޯޅިއަށް ޖަމާވެ، އަޑުގަދަ ކުރާ ބޭނުންކޮށްގެން ހުތުރު ބަހުން ސަރުކާރާ މުއާމަލާތް ކުރި މައްސަލަ އެވެ.

"ސިޔާސީ ކަމެއްގައި ވެސް މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް ކަންތައް ކުރުމަކީ އަހަރެމެން ގަބޫލުކުރާ ކަމެއް ނޫން، މިސްކިތަކީ އަޅުކަން ކުރަން ހުންނަ ތަނެއް، " މުޒާހަރާ ކުރުމަށް ތާއީދުކުރާ ޒުވާނަކު ބުންޏެވެ.

މުޒާހަރާކުރާތީ ހިތްހަމަ ނުޖެހިފައި ތިބި ސަރުކާރަށް ތާއީދުކުރާ މީހުން ދައްކާ އަނެއް ވާހަކައަކީ މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނާ ދިމާއަށް ގަލާއި އެނޫން ވެސް ނުރައްކާތެރި ތަކެތި އުކުމެވެ.

ނަޝީދު ވިދާޅުވީ މުޒާހަރާކުރާ މީހުން ފުލުހުންނާ ދިމާއަށް ތަކެތި އުކާ ނަމަ ބާރުގެ ބޭނުން ކުރުމަކީ ފުލުހުންގެ ގާނޫނީ ވާޖިބެއް ކަމަށެވެ. ނަމަވެސް ބާރުގެ ބޭނުން ކުރަން ވާނީ އެކަށީގެންވާ ވަރަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ ގާނޫނުން އެމީހުންނަށް ހަމަ ގައިމުވެސް ލިބިދޭނެ ބާރަކީ އެހާލަތަކާ އެކަށީގެންވާ ވަރެއްގެ ބާރެއްގެ ބޭނުން ކުރުން. ސުލްހަވެރިކޮށް އެއްވެގެން ވަކިތަނެއްގައި ތިބި ބަޔަކު، ފުލުހުންނާ ދިމާއަށް ހަމަލާ ދިނުމަށް ނުވަތަ ފުލުހުން ގަޔަށް އަރައިގަންނަން ނާންނަ ކަމަށް ވާނަމަ، އެމީހުން އެތާނގައި އެތިބީ ސުލްހަވެރިކޮށް ކަމަށް ބެލެން ވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ބާރުގެ ބޭނުން ކުރި ނަމަވެސް ބޭނުންކުރަން ވާނީ އެކަށީގެންވާ ވަރަށް ކަމަށާއި ފުލުހުން ބާރުގެ ބޭނުން ކުރީ އެކަށީގެންވާ ވަރަށްތޯ ނުވަތަ ނޫންތޯ ބެލޭނީ އެކަން ހިނގުމުގެ ފަހުން ކަމަށެވެ. އަދި އެފަދަ ކަންތައްތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައެޅި ބެލެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ދިވެހި ފުލުހުން މިފަހަރުގެ މުޒާހަރާގައި އަމަލުކުރަމުން ދާތަން ފެންނަނީ އެފަދަ ގޮތަކަށް ނޫންކަން ފާހަގަ ކުރެވެ އެވެ.

މުޒާހަރާގެ ބައިވެރިން ސުލްހަވެރިކަމާ އެކު ތިއްބައި މުޒާހަރާ ރޫޅާލަން މަސައްކަތް ކުރުމާއި މުޒާހަރާ ހަލަބޮލިވާ ވަގުތު މުޒާހަރާ ކޮންޓްރޯލް ކުރުމުގައި އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުން ކުރުމާއި މުޒާހަރާ ހުއްޓާލުމަށް ފަހު އެނބުރިދާ މީހުންނަށް ހަމަލާދިނުން ފަދަ ކަންތައްތައް ފުލުހުންގެ ފަރާތުން ކޮންމެ ރެއަކުވެސް ފެނެ އެވެ.

ފުލުހުންގެ ފަރާތުން ފެނުނު އެންމެ ހަރުކަށި އެއް އަމަލަކީ ރޭގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އަނިޔާވެ، ހޭނެތިފައި އޮތް މީހަކު ބިންމަތީގައި ދަމާފައި ގެންދިއުމެވެ.

މުޒާހަރާގެ ބައިވެރިންނާ މެދު ފުލުހުން މިފަދަ ގޮތަކަށް ކަންތައްތައް ކުރަމުން ދިޔައިރު ނޫސްވެރިން އެމަންޒަރުތައް ވަރަށް ތަފުސީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނެވެ. ނަތީޖާއެއްގެ ގޮތުން ނޫސްވެރިންނަށް ފުލުހުންނާއި އެމްއެންޑީއެފް އަދި ސަރުކާރުގެ އެހެން އިދާރާތަކުން އަންނަނީ ގިނަ ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ.

މުޒާހަރާ ކުރަމުން ދިޔައިރު ޖުމްހޫރީ މައިދާނަށް ފްރެކްއެންސީ ޖޭމް ކުރާ ޑިވަސްތައް ހަރުކޮށްފައިވާ ދެ ވެހިކަލް ވައްދައި، އެ ސަރަހައްދުން ފޯނުގެ ހިދުމަތް މެދުކަނޑުވާލުމަކީ ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ކަމަށް ނޫސްވެރިން ބުންޏެވެ.

ކުރީރޭގެ މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ގަލާއި އެނޫން ވެސް ތަކެތި އުކަމުން ދަނިކޮށް ވެސް ފުލުހުންގެ ކޯޑަންގެ ތެރޭގައި ފުލުހުންގެ ހިމާޔަތުގައި ނުބައިތިއްބައި ނޫސްވެރިން އެސަރަހައްދުން ނެރުމަކީ ވެސް ނޫސްވެރިންނަށް އެޅި ހުރަހެއް ކަމަށް ގިނަ ނޫސްވެރިން ބުންޏެވެ.

"މިވަގުތު އަހަރެމެން މިތަނުން ނެރުމަކީ ހިމާޔަތެއް ނުދިނުން،" އެއް ނޫސްވެރިއަކު ބުންޏެވެ.
މިފަދަ ގޮތަކަށް މުޒާހަރާ ކުރުމާއި މިފަދަ ގޮތަކަށް މުޒާހަރާތައް ރޫޅާލުމުން ރައީސް ނަޝީދު ވިދާޅުވި "މުޒާހަރާ ގާނޫނު އަސާސީ"ގެ ފައިދާ ރައްޔިތުންނަށް ކުރަނީ ކިހާވަރަކަށްތޯ ސުވާލު އުފެދެ އެވެ.