ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އިންޑިއާ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ދެގައުމުގެ ފޮރިން ސެކްރެޓަރީން ބައްލަވާނެ އެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އިންޑިއާ ފޮރިން ސެކްރެޓަރީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުރުން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާ ވެސް ބައްދަލުކުރައްވާނެ އެވެ.

މިއީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަހަރުގެ ޖެނުއަރީ 29ވަނަ ދުވަހު އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.