މިދިޔަ ހަފްތާގައި ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ކާޖަލް އަގަރްވާލްގެ ހަނީމޫނަށް ރާއްޖެ އަތުވެއްޖެ އެވެ.

ކާޖަލް އާއި އޭނާގެ ފިރިމީހާ، ވިޔަފާރިވެރިޔާ ގޯތަމް ކިޗްލޫ އާއެކު މިހާރު ރާއްޖޭގައި ތިބިއިރު އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮންރެޑް މޯލްޑިވްސްގަ އެވެ. ދެމަފިރިން އެކުގައި ނަގާފައި ހުރި ފޮޓޯޓަކެއް އިންސްޓަގްރާމްގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ.

މިދިޔަ އަހަރުވެސް ކާޖަލް ވަނީ އޭނާގެ އާއިލާ އާއެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފަ އެވެ. އެފަހަރު އޭނާ ޗުއްޓީ ހޭދަކުރީ "ރީތި ފަރު ރިސޯޓް"ގަ އެވެ. އެފަހަރު އޭނާ ރާއްޖެ އައިސް ބުނީ ރާއްޖެ އަކީ އޭނާ އާ އެންމެ ގާތް ތަން ކަމަށާއި ޗުއްޓީ އަށް އަންނަން އެންމެ ބޭނުންވާ ގައުމަކީ ރާއްޖެ ކަމަށެވެ.

އަޖޭ ދޭވްގަންއާ އެކު "ސިންގަމް" ކުޅުނު ބަތަލާގެ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސްޕެޝަލް 26" އާއި "ދޯ ލަފުޒޯންކީ ކަހާނީ" ހިމެނެ އެވެ. ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އޭނާ ތެލެގޫ ފިލްމުތައް ވެސް ކުޅެ އެވެ.