ށ. މިލަންދޫގައި އޮޔާދަމުން ދިޔަ ކުޑަކުއްޖަކާއި އެ ކުއްޖާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެނބެން އުޅުނު މީހަކު، ސަލާމަތްކުރި އެ ރަށުގެ ޓީޗަރަކަށް ތައުރީފުކޮށް ޝުކުރު އަދާކޮށްފި އެވެ.

މިލަންދޫ ރައްޔިތެއް ސަން އަށް މައުލޫމާތު ދިން ގޮތުގައި ކުޑަކުއްޖެއް އޮޔާ ދިޔަ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އޮޔާގޮސްފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެއް ކަމަށާއި އޭނާ ސަލާމަތްކުރުމަށްޓަކައި ރަށުގެ ޒުވާނެއް މޫދަށް ފޭބި ކަމަށް އޭނާ ބުންޏެވެ.

ހަވީރު ހިނގި އެ ހާދިސާގައި އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖާ ސަލާމަތްކުރުމަށްޓަކައި ދިޔައީ އަލީ އަފީފް ނަމަކަށް ކިޔާ ޒުވާނެއް ކަމަށް އޭނާ ބުންޏެވެ. ކުޑަކުއްޖާ ސަލާމަތްކުރުމަށް އަފީފް ގޮސް އެކުއްޖާއާ ހަމަވުމުން އެކުއްޖާ އެރިގެން އޮތް ސީބެޑް އިން ފުންމާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެއާ ގުޅިގެން އެ ޒުވާނާ ވަރުބަލިވެގެން ގެނބެން އުޅުނު ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ބުނިގޮތުގައި އެކުއްޖާ ސަލާމަތްކުރަން ދިޔަ އަފީފް ގެނބިގެން އުޅުމުން ސަލާމަތްކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ލީޑިން ޓީޗަރެއް ކަމަށްވާ އާދަމް އަފީފްއެވެ. އެވަގުތު އޭނާ ހުރީ އޭނާގެ އާއިލާއާއެކު މޫދަށް ގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެކުއްޖާ އާއި ޒުވާން މީހާ ސަލާމަތްކުރުމުގެ ސަބަބުން އަކްރަމް އަށް ދަނީ އެތައް ބައެއްގެ ތައުރީފު އޮހެމުންނެވެ. މިލަންދޫ ސްކޫލުން ކުރި ޓްވީޓެއްގައި ވަނީ އަކްރަމްގެ ހިތްވަރަށް ތައުރީފުކޮށްފައެވެ.

އެގޮތުން މިލަންދޫ ސްކޫލުން ބުނެފައިވަނީ "ކުޑަކުއްޖަކާއި މީހެއް ސަލާމަތްކުރުމުގައި އަކްރަމް ސާ ދައްކާފައިވާ ހިތްވަރާއި މަސައްކަތް ބަލައިގަނެ އެކަމަށް ޝުކުރު އަދާކުރަން،" ކަމަށެވެ.

އަދި އަކްރަމްގެ އަމަލަށް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށްވެސް މިލަންދޫ ސްކޫލުން ބުންޏެވެ.