21 Jan 2012, 10:55
މި އަހަރުގެ މާޗް މަހު ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މިއަދު ހަވީރު ފަށާއިރު، ޓީމްގެ މެނޭޖަރަކަށް އެމްއެންޑީއެފްގެ ކެޕްޓަން އަހުމަދު ޒުބައިރު ހަމަޖައްސައިފި އެވެ.
އެފްއޭއެމް އިން ބުނީ، މެނޭޖަރެއްގެ އިތުރުން އިއްޔެ ވަނީ ޓީމަށް އެސިސްޓެންޓު ކޯޗެއް ވެސް އައްޔަނު ކޮށްފައި ކަމަށެވެ. އެގޮތުން އެސިސްޓެންޓު ކޯޗަކަށް ހަމަޖެއްސީ ކުރިން ވިކްޓަރީ އާއި އޭއެފްސީ ގްރޫޕްގެ އެލީޓް ގްރޫޕްގެ ކޯޗަކަށް އުޅުއްވި އަލީ ނާޝިދެވެ.
ގައުމީ ޓީމުގެ މެނޭޖަރަކަށް ޒުބައިރު އެފްއޭއެމް އިން އިއްޔެ ހަމަޖެއްސި އިރު، ކުރީގެ މެނޭޖަރު، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ޓީމުގެ މެނޭޖަރެއްގެ މަޤާމްގައި މިއަހަރު ވެސް ބަހައްޓާ ދެއްވުމަށް އެދި، ޤައުމީ ޓީމްގެ 17 ކުޅުންތެރިޔަކު މިދިޔަ ބުދަ ދުވަހު ވަނީ އެފްއޭއެމްގެ ރައީސް އަލީ އާޒިމަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އެހެންނަމަވެސް އިއްޔެ ޓީމަށް އާ މެނޭޖަރަކު ހަމަޖެއްށުމުން ޓީމްގެ ބައެއް ކުޅުންތެރިން ވަނީ، އެކުޅުންތެރިންގެ ޝުއޫރުތައް ސަން އޮންލައިނާ މިއަދު ހިއްސާކޮށްފައެވެ.
ނަންހާމަ ކޮށްފި ނަމަ ޓީމުން ވަކިކުރާނެ ކަމަށް ބުނެ، ނަން ނޫހުގައި ނުޖެއްސުމަށް ސަރުތުކޮށް އިއްޔެ ޤައުމީ ޓީމްގެ ކުޅުންތެރިޔަކު ބުނީ، ޓީމަށް އައްޔަން ކުރި މެނޭޖަރާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ކުރީގެ މެނޭޖަރު މާރަނގަޅު ކަމަށެވެ. އަދި ކުރީގެ މެނޭޖަރު ބަލަކަކީ މިހާތަނަށް ދިވެހި ޓީމާ ގުޅުނު އެންމެ ރަނގަޅު މެނޭޖަރު ކަމަށް އޭނާ ބުންޏެވެ.
"ސިޔާސި ދާއިރާގެ ކުރީ ސަފުގައި ބަލަކް އުޅުނު ކަމަކު އޭނަ އަކީ ބަރާބަރު މެނޭޖަރެއް. ކުޅުންތެރިން ކާރިޔަކު ސިޔާސީ ވާހަކައެއް ނުދައްކަވާ. އަހަންނަށް އިނގޭ އެހެން ކުޅުންތެރިން ވެސް ހިތްހަމަ ނުޖެހޭކަން" ގައުމީ ޓީމްގެ ކުޅުންތެރިޔާ ބުންޏެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދުދިން ހަންގޭރީގެ ކޯޗް އިސްތަވާން އުރުބާނީގެ ދަށުން ގައުމީ ޓީމްގެ ފަރިތަކުރުންތައް މިއަދު ފަށާ އިރު، މިފަހަރުގެ އޭއެފްސީ މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭ ފަޅީގަ އެވެ. އެގޮތުން މުބާރާތުގައި ރާއްޖެ ހިމެނޭ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.
މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް
މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން