ޒަރޫރީ ބޭނުމަކަށް ނޫން ނަމަވެސް މާލެ ސަރަހައްދުން ރަށް ރަށަށް ދެވޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލަށް ބަދަލުގެނެސްފި އެވެ.

މާލެއިން ކޮވިޑް19ގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން، އަތޮޅު ތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުން ހަރުކަށިކުރި އެވެ.

އެގޮތުން މާލެއިން ރަށަށް ދެވެނީ ހަމައެކަނި ޒަރޫރީ ބޭނުމަކަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

ނަމަވެސް ރޭ އުސޫލަށް ބަދަލުގެނެސް، ޒަރޫރީ ހާލަތެއް މެދުވެރި ނުވި ނަމަވެސް، މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ވަނީ ލުއި ދީފަ އެވެ.

އުސޫލަށް ލުއި ދިން ނަމަވެސް ރަށަށް ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކޮށް، ކޮވިޑް19 އަށް ޓެސްޓު ކުރަން ޖެހޭނެ އެވެ.

އަދި ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ރަށްރަށަށް ދިއުމަށް އެޗްޕީއޭގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގަންޖެހޭނެ އެވެ.

އެޗްޕީއޭ އިން ރޭ ވަނީ ކޮވިޑް19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތައްކަށް ލުއިތަކެއް ދީފަ އެވެ. އެގޮތުން މާލެ ސިޓީގައި ކާފިއުގެ ވަގުތު ވަނީ 12:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން 15 މީހުންނަށްވުރެ ގިނަ ނުވާނެހެން އެއްވެވޭ ގޮތަށް ވެސް ވަނީ ލުއި ދީފަ އެވެ. ހަމައެއާ އެކު ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ކުޅިބަލަން ވަދެވޭނީ ވެސް 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ޕާކްތަކާއި މައިޒާންތަކާއި ދާރުލްއާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމާ އެކު ހައި ރިސްކް މީހުންނަށް ރައްކާތެރި ފިޔަވަޅުތަކާ އެކު އޮފީސްތަކަށް ނުކުމެ މަސައްކަތް ކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.