08 Nov 2020, 15:01
ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް، ވަނަވަރު އާންމުކޮށްފި އެވެ.
އެ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުހައްމަދު މާހީން މަދީހް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަހްމަދު މާހިލް ސައީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުހައްމަދު އަޒުމީން (30އ) އެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ހެނދުނު ރޫޓު ފިހާރައިގެ 4.2 މިލިއަން ރުފިޔާ ވޭނެއްގައި ބީއޯސީއަށް ގެންދަނިކޮށް، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ ބީއޯސީ ކުރިމަތިން އެ ފައިސާ ފޭރެން މަސައްކަތް ކޮށްފަ އެވެ.
އެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.
އެ ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ރޫޓު ފިހާރައިގެ ފައިސާ ފޭރުން ހުއްޓުވީ ވޭނުގައި ތިބި ރޫޓު ފިހާރައިގެ މުވައްޒަފުންނާއި ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑެކެވެ. އެކަމާ ގުޅިގެން ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ރޫޓު ފިހާރައިން ވަނީ ދީފަ އެވެ. އަދި ތިން މުވައްޒަފަކަށް، 10،000 ރުފިޔާ ދީފައިވެ އެވެ.