08 Nov 2020, 13:02
ކޮވިޑް19ގެ ހާލަތާއި ގުޅިގެން ފަތުރުވެރިންނާއި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީން ކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ހާއްސަ ޓޫރިސްޓު ގެސްޓުހައުސް/ހޮޓާ ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވްވާ އަދި ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ މުވައްޒަފުން އައިސޮލޭޓްކޮށް ކަރަންޓީނުކުރަން ހަމަޖެހިފައި ވަނީ އެ ތިން ގެސްޓުހައުސް/ހޮޓަލުގައި ކަމަށެވެ.
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ގެސްޓުހައުސް/ހޮޓާތަކުގައި ހުންނަން ޖެހޭ ޝަރުތުތައް:
މަދުވެގެން 15 ކޮޓަރި ހުރުން
- ހުޅުމާލޭގައި ހުރި ތަނެއް ކަމުގައިވުން
- ތިން މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް އެ ތަންތަން ލިބުން
- އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް އެ ތަނަކުން ހަމަޖެހެން ހުރުން
- އެޗްޕީއޭގެ އެންމެހާ ގަވާއިދުތަކަށް ފެތޭ ފަދަ ތަނަކަށްވުން
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ނޮވެންބަރު ވާ އާދީއްތަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 30 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުގުވެރިކަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް 19 ނޮވެމްބަރު ގެ މެންދުރު 2:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރަން މިނިސްޓްރީން އެދެ އެވެ.
މިވަގުތު ރާއްޖޭގެ 15 ރަށާއި، 28 ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް 52 ފަތުރުވެރިންނާއި 120 މުވައްޒަފުން އެބަތިއްބެވެ.
ފަތުރުވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ހާއްސަ ރިސޯޓެއް ކަނޑައަޅަން ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.