08 Nov 2020, 12:44
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި، ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއެކު ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ. އަދި ދަތުރު ނިންމަވާލައްވާނީ މި މަހުގެ 10 ވާ އަންގާރަ ދުވަހު އެވެ.
މިއީ 2020 ވަނަ އަހަރު ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
ފޮރިން ސެކްރެޓަރީގެ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން، ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު ފޮރިން ސެކްރެޓަރީއަށް ލިބިވަޑައިންނަވާނެ ކަމަށާއި އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު ދެ ގައުމު ގުޅިގެން ކުރެވޭ ހުރިހާ ބައިލެޓަރަލް މަސައްކަތްތަކަށް ނަޒަރުހިންގަވައިލައްވާ، ކެބިނެޓްގެ އިސްވެރިންނާއި ބައްދަލުކުރައްވާނެ އެވެ.
މިދަތުރުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ބެލެވޭ ކަންތައްތަކުގެ ތެރޭގައި ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއި އެކު ސޮއިކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އާއި ގުޅޭ ދެ އެމްއޯޔޫ އެއްގައި ސޮއިކުރާނެ އެވެ.
ފޮރިން ސެކްރެޓަރީގެ ދަތުރުގައި ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރެވޭ ކުޑަކުދިންގެ ޕާކުތަކަށް ބޭނުންވާ އިކުއިޕްމެންޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިންނަވާ، އަދި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ތަރައްގީ ކުރެވެމުންދާ އެކުވެނި ޓްރެކް ބައްލަވާލައްވާނެ އެވެ.
މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ އެމަނިކުފާނު 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.
ފޮރިން ސެކެޓްރީ ރާއްޖެއަށް ދަތުރުކުރައްވާ މި ދަނޑިވަޅަކީ އިންޑިއާގެ އެހީގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ވެސް ފަށާފައިވާ ދަނޑިވަޅެކެވެ.
އެގޮތުން މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި މި މަހު ވަނީ ސޮއިކޮށްފަ އެވެ. އަދި އިންޑިއާގެ 1.2 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ އެހީގައި އުމްރާނީ ތަރައްގީގެ ބޮޑު އަށް މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 30 ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ކުރިއަށް ގެންދިއުމަށްޓަކައި 13 މިލިއަން ޑޮލަރުގެ ގްރާންޓް އެހީ ވަނީ ފޯރުކޮށްދީފަ އެވެ.
ކޮވިޑް19 ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި އިންޑިއާއިން ވަނީ އެކިގޮތްގޮތުން ރާއްޖެއަށް އެހީ ފޯރުކޮށްދީފަ އެވެ.
އެގޮތުން ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖެއިޝަންކަރު ގެ ވާޗުއަލް ބައްދަލުވުމުގައި އިއުލާނުކުރެވި، ބަޖެޓު އަދި ރެވެނިއު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ.
މީގެ އިތުރުން އިންޑިއާއިން ފޯރުކޮށްދީފައިވާ ކޮވިޑް19 އެސިސްޓެންސްގެ ތެރޭގައި ބޭސް ހަދިޔާ ކުރުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމާއި، ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އިވޭކުއޭޓް ކޮށްދިނުމާއި، ހާއްސަ ކޮވިޑް19 ރިލީފް ޓީމެއް ރާއްޖެއަށް ޑިސްޕެޗް ކުރުމާއި، މެޑިކަލް ކޮންސިއުމަބަލްސް އަދި ޓެސްޓިން/އިމަޖެންސީ ބްރީތިން އިކުއިޕްމެންޓް އެކްސްޕޯޓް ކުރުން ރެސްޓްރިކްޓް ކުރެވިފައިވަނިކޮށް ރާއްޖެއަށް ހާއްސަ އިނާޔަތެއްގެ ދަށުން އެކްސްޕޯޓް ކޮށްދިނުމާއި، ވިޔަފާރި ހީނަރުވެ ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވީނަމަވެސް ކާޑުގެ ބާވަތްތަކުގެ ސަޕްލައި ހުއްޓުމެއްނެތި ދަމަހައްޓައިދިނުމާއި، ބޯޑަރު ބަންދުކުރެވި، ދަތުރުފަތުރު ރެސްޓްރިކްޓް ކުރެވިފައިވަނިކޮށް ވެސް ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ.
ފޮރިން ސެކްރެޓަރީގެ މި ދަތުރަކީ އިންޑިއާއިން ރާއްޖެއާ އެކު އޮންނަ ގާތް ގުޅުމަށް ދޭ އަހައްމިއްޔަތުގެ މުހިންމުކަން ސާބިތުކޮށްދޭ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ދަތުރުގެ ސަބަބުން އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީ އާއި ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީ ވަރުގަދަވެ، ދެ ގައުމުގެ މެދުގައިވާ އެއްބާރުލުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފޮރިން ސެކްރެޓަރީގެ ސަބަބުން ދެގައުމުގެ ވަށައިގެންވާ ކަނޑުތަކުގެ ސަލާމަތާއި ހަމަޖެހުމަށާއި، ދެގައުމުގެ ކުރިއެރުމާއި ތަރައްގީ އަދި ތިޔާގިކަން ކަށަވަރުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ ރޫހު ވަރުގަދަވެގެންދާނެ ކަމަށެވެ.