21 Jan 2012, 10:23
އިއްޔެ މެންދުރު ފަހު ޖުމްހޫރީ މައިދާނުކައިރީގައި ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އާއި އެ ޕާޓީގެ ނާއިބް ރައީސް ޑރ. މައުރޫފްގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން އެއްވެސް "ބަހާނާއެއް ނެތި'" ދޫކޮށްލުމަށް ޑީއާރުޕީން ގޮވާލައިފި އެވެ.
ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި، ޖުމްހޫރީ މައިދާނަށް އެއްވި ފަރާތްތަކުގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސާ މެދު ފުލުހުން ހިންގާފައިވާ އަމަލުތައް ޑީއާރުޕީން "ހަރުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށް ވަނީ ބުނެފަ އެވެ.
"ޝެއިޚް އިމްރާން އާއި އެ ޕާޓީގެ ނާއިބް ރައީސް ޑރ. މައުރޫފްގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން މިހާރުން މިހާރަށް އިތުރު ބަހާނާއެއް ނެތި ދޫކޮށްލުމަށް ގޮވާލަން" އެ ބަޔާނުގައިވެ އެވެ.
އިތުރަށް އެ ބަޔާނުގައި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ސަލާމާތީ ބާރުތައް ބޭނުންކޮށްގެން ސަރުކާރުން "ނިގުޅައިގަތުމަށް" މަސައްކަތް ކުރަމުން ގެންދާ ކަމުގައި ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
"ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ބާރު ކަނޑާލުމުގެ މަގުޞަދުގައި ސަރުކާރުން ސުޕްރީމް ކޯޓްގެ އަމުރުތަކަށް ތަބާނުވެ، އަދި ޤާނޫނޫ އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ސަލާމާތީ ބާރުތައް ބޭނުންކޮށްގެން ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ."
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މުޒާހަރާގެ ސަބަބަބުން އެމްޑީޕީ ސަރުކާރުގެ ''ސައިޒް އެ ދަނީ މަޑުމަޑުން ކުޑަވަމުން" ކަމަށް ވެސް އެ ޕާޓީން ބެނެފައިވެ އެވެ.