ނެޓްފްލިކްސްގެ މަގުބޫލު ޝޯއެއް ކަމަށްވާ "ދަ ވިޗާ"ގެ ބައެއް ޓީމް މެމްބަރުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ޝޯގެ ޕްރޮޑަކްޝަން މެދުކަނޑާލައިފި އެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ޝޫޓިންގެ ކަންތައްތައް ލަސްވެފައި އޮތް ވިޗާގެ ޝޫޓިން އަލުން ފަށާފައިވަނީ ދާދި ފަހުންނެވެ.

އެ ޝޯގެ ދެވަނަ ސީޒަންގެ ޝޫޓިން ކުރިއަށް ދަނިކޮށް ދާދި ފަހުން ވަނީ ކްރޫ މެމްބަރުންގެ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެކަމާ ގުޅިގެން ޝޯގެ އިތުރު ކްރޫއިންނާއި ކާސްޓުން މިހާރު ވަނީ އަމިއްލައަށް އައިސޮލޭޓް ވެފަ އެވެ.

ނެޓްފްލިކްސް އިން ބުނެފައިވަނީ ޝޯގެ ޕްރޮޑަކްޝަން މިވަގުތު ހުއްޓާލާފައި އޮތް ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މަސައްކަތް ފެށޭ ވަރު ވުމުން ޕްރޮޑަކްޝަން އަލުން ފަށާނެ ކަމަށެވެ.

ހެންރީ ކެވިލް، ލީޑް ރޯލުން ފެނިގެންދާ ދަ ވިޗާގެ ދެވަނަ ސީޒަންގެ ޝޫޓީން ކުރިއަށްދަނީ އިންގްލެންޑްގަ އެވެ.

ޝޯގެ ޕްރޮޑަކްޝަން ފުރަތަމަ މަޑުޖައްސާލާފައިވަނީ މާޗު މަހުގެތެރޭގަ އެވެ. އެއީ ޝޯގެ އެކްޓަރެއް ކަމަށްވާ ކްރިސްޓޯފާ ހިވްޔޫ ކޮވިޑް އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ވިޗާގެ ފުރަތަމަ ސީޒަން ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަދި ދެވަނަ ސީޒަން އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރުމަށް ކުރީން ވަނީ ނިންމާފަ އެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ ޝޯގެ ޕްރޮޑަކްޝަން ލަސްވެ ރިލީޒްކުރުންވެސް ލަސްވުން އެކަށީގެންވާ ކަމަށް ނެޓްފްލިކްސް އިން ބުނެ އެވެ.