08 Nov 2020, 12:35
ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާ ރާއްޖެއިން 10،351 ސާމްޕަލް ކޮވިޑް19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި ޢޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 303 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށް ވާން ފަށައިފަ އެވެ. އެއާއެކު، ބައެއް ފިޔަވަޅުތަކަށް ވެސް ވަނީ ލުއިދީފަ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ ހަފްތާގައި އެންމެ ގިނަ ސާމްޕަލް ޓެސްޓުކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.
އެ ދުވަހު 1920 ސާމްޕަލް ޓެސްޓުކުރި އިރު، ޕޮޒިޓިވްވީ 42 މީހުންނެވެ. މި މަހު މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ޖުމްލަ 71 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެ ދުވަހު ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވީ އެއާޕޯޓުގެ މަސައްކަތަށް ކުންފުންޏަކުން ގެނައި 45 ބިދޭސީން ޕޮޒިޓިވްވުމުންނެވެ.
މި މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއިން ޕޮޒިޓިވްވި 303 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 205 މީހުންނެވެ. ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްތަކުން 98 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 140 ދިވެހީންނާއި، 163 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ފަތުރުވެރިން ހިމެނެ އެވެ.
އެޗްޕީއޭ އިން ރޭ ވަނީ ކޮވިޑް19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތައްކަށް ލުއިތަކެއް ދީފަ އެވެ. އެގޮތުން މާލެ ސިޓީގައި ކާފިއުގެ ވަގުތު ވަނީ 12:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފަ އެވެ.
އޭގެ އިތުރުން 15 މީހުންނަށްވުރެ ގިނަ ނުވާނެހެން އެއް ވޭވެން ގޮތަށްވެސް ވަނީ ލުއި ދީފަ އެވެ. ދެން ލުއި ދީފައިވަނީ ބައެއް ކުޅިވަރުތައް ކުޅުމަށެވެ. އެގޮތުން ޔޫތް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ކުޅިބަލަން ވަދެވޭނީވެސް 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ޕާކްތަކާއި މައިޒާންތަކާއި ދާރުލްއާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމާއެކު ހައި ރިސްކް މީހުންނަށް ރައްކާތެރި ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނުކުމެ މަސައްކަތް ކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.
މިހާރު ރާއްޖެއިން ކޮވިޑް19ގެ ކޭސްތައް ފެންނަ އަދަދު މަދުވި ނަމަވެސް، މި ބަލި މުޅިން ފިލައިގެން ނުދާ ކަމަށާއި ތިންވަނަ ރާޅެއް ވެސް އަތުވެދާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،962 އަށް އަރާފަ އެވެ. އޭގެ ތެރެއިން 11،066 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.