08 Nov 2020, 09:50
ވޮޝިންޓަން (ނޮވެމްބަރު 8): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ދެއްވި ފުރަތަމަ ތަގުރީރުގައި ގައުމު އެއްބައިވަންތަ ކުރުވަން ވައުދުވެވަޑައިގެންފި އެވެ.
ބައިޑެން އުފަންވެވަޑައިގަތް ޑެލަވެޔާގައި ދެއްވި ތަގުރީރުގައި އޭނާ ވިދާޅުވި ގޮތުގައި އޭނާ ހުންނަވާނީ ހުރިހާ ރައްޔިތުންގެ ރައީސެއްގެ ގޮތުގަ އެވެ. އަދި އޭނާއަށް ވޯޓު ދިން މީހުންނާއި ވޯޓު ނުދޭ މީހުންނާ ދެމެދު ތަފާތެއް ނުކުރައްވާނެ އެވެ.
"މިގައުމަކީ ރެޑް ސްޓޭޓުތަކާއި ބްލޫ ސްޓޭޓުތަކުގެ ގޮތުގައި ދެކުމުގެ ބަދަލުގައި މިއީ ޔުނައިޓެޑް ސްޓޭޓްސްގެ ގޮތުގައި ދެކި، ގައުމު ބައިބައި ކުރުމުގެ ބަދަލުގައި އެއްބައިވަންތަކަން ގާއިމު ކުރާ ރައީސަކަށް ވާނެ ކަމަށް އަޅުގަނޑު ވައުދުވަން،" ބައިޑެން ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ މަހު ވެރިކަމުގެ ހުވާ ކުރައްވާނެ ބައިޑެން ވިދާޅުވި ގޮތުގައި އޭނާ އެންމެ ފުރަތަމަ އިސްކަން ދެއްވާނީ ކޮރޯނާވައިރަސް ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށެވެ. އަދި ވެރިކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާ އިރަށް ކޮރޯނާވައިރަސް ރެސްޕޮންސް ކޮމިޓީއަށް މަސައްކަތް ފެށޭނެކަން ޔަގީން ކުރުމަށްޓަކައި އެ ކޮމިޓީ މިހާރު އެކުލަވާލައްވާނެކަންވެސް ބައިޑެން ފާހަގަ ކުރެއްވި އެވެ.
އެމެރިކާގައި މިހާތަނަށް 9.95 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 238،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ބައިޑެންގެ ނައިބު ރައީސް ކަމަށް ހޮވި ވަޑައިގަތް ކަމަލާ ހެރިސްވެސް މިއަދު ތަގުރީރު ކުރެއްވި އެވެ. އަދި މި އިންތިހާބުގައި ރައްޔިތުން ހިޔާރު ކުރީ އެއްބައިވަންތަކަމާއި ސައިންސާއި މުސްތަގުބަލަށް އާ އުއްމީދެއް ކަމަށް ވިދާޅުވެފަ އެވެ.
"ތިބޭފުޅުން ހިޔާރު ކުރީ އުއްމީދާއި އެއްބައިވަންތަކަމާއި ސައިންސާއި ހަގީގަތް - ތިބޭފުޅުން ހިޔާރު ކުރީ އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑެން. އަދި ކުރިއަށް އޮތީ ފަސޭހަ މަގެއް ކަމަށް ނުވި ނަމަވެސް އެމެރިކާ އޮތީ ތައްޔާރަށް އަދި ޖޯ އާއި އަޅުގަނޑުވެސް ތިބީ ތައްޔާރަށް،" ހެރިސް ވިދާޅުވި އެވެ.
މީގެ އިތުރުން ހެރިސް އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް ކަމަށްވި ނަމަވެސް އޭނާއަކީ އެންމެ ފަހު އަންހެން ނައިބު ރައީސަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހެރިސް އަކީ އެމެރިކާގެ އެންމެ ފުރަތަމަ ކަޅު ނަސްލުގެ، ދެކުނު އޭޝިއާއަށް ނިސްބަތްވެވަޑައިގަންނަވާ އަންހެން ނައިބު ރައީސެވެ.
ބައިޑެން އާއި ހެރިސް އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު އިއްޔެ ލިބުނު ފަހުން ދެ ބޭފުޅުން ތަގުރީރު ދެއްވި ނަމަވެސް ރިޕަބްލިކަން ކެންޑިޑޭޓު ކަމަށްވާ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ބަލި ގަބޫލު ކުރައްވާފައެއް ނުވެ އެވެ.