08 Nov 2020, 07:21
އެމެރިކާގެ 46 ވަނަ ރައީސްކަމަށް އިންތިހާބުވެފައިވާ ޖޯސެފް ބައިޑެން އަކީ އެގައުމުގެ ވެރިކަމަށް އިސްވާ އެންމެ އުމުރުން ދުވަސްވީ ބޭފުޅާ އެވެ. އަދި 77 އަހަރުގެ ބައިޑެންއަށް ބައެއް މީހުންގެ ތާއިދު ލިބުނު އެއް ސަބަބަކީ އޭނާގެ އުމުރުފުޅުގެ ބޮޑު ބައެއް ސިޔާސީ މައިދާނުގައި، ގައުމުގެ ހިދުމަތުގައި ހޭދަ ކުރައްވާފައި ވާތީ އެވެ.
އެމެރިކާގެ ޑެލަވަޔާ ތަމްސީލް ކުރައްވަން އެގައުމުގެ ސެނެޓަށް ބައިޑެން އިންތިހާބުވީ 1972ގައި، އުމުރުފުޅުން 29 އަހަރުގަ އެވެ. އަދި ސެނެޓަރުކަން ކުރެއްވި އެންމެ ޒުވާން ބޭފުުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ވަކީލެއްގެ ގޮތުގަ އެވެ.
ސެނެޓުގައި ބައިޑެން ކުރައްވާފައިވާ މަސައްކަތްތަކުން އޭނާ ސިފަ ކުރެވިފައި ވަނީ މެދު ފިކުރު ގެންގުޅުއްވާ، ތެދުވެރި އަދި ގާނޫނުތައް ފާސް ކުރުމަށް އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް 36 އަހަރަށް ދެމިގެން ދިޔަ ސެނެޓަރު ކަމުގެ ދައުރުގައި ބައިޑެން ނިންމަވާފައިވާ ބައެއް ނިންމުންތަކަށް މިހާރު އިތުރު ސަމާލުކަން ލިބި، ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
އެގޮތުން އެމެރިކާގެ އާބާދީގެ މައިނޯރިޓީ ނަސްލުތަކަށް ނިސްބަތްވާ ރައްޔިތުން ގިނަ އަދަދަކަށް ޖަލަށް ލާން މަގުފަހި ކުރުވި 'ކްރައިމް ބިލް' ޑްރާފްޓް ކުރެއްވީ ބައިޑެން ކަން އޭނާއަށް ފާޑު ކިޔާ މީހުން ފާހަގަ ކުރެ އެވެ. އަދި އެކި ނަސްލުގެ މީހުންނާ މެދު ތަފާތުކޮށް އަމަލު ކުރަން ޖެހޭނެ ކަމަށް ގޮވާލި ސެނެޓަރެއް އަވަހާރަވުމުން، ބައިޑެން އޭނާއަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައި ވާތީވެސް ބައެއް މީހުން ޝަކުވާކޮށްފައިވެ އެވެ.

ޖޯ ބައިޑެން 1987ގައި ސެނެޓު ޖުޑިޝަރީ ކޮމިޓީގައި -- ފޮޓޯ: އޭޕީ
މީގެ އިތުރުން 1991ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްލޭރެންސް ތޯމަސްގެ ނަން ހުށަހެޅުމުން، އޭނާގެ މައްޗަށް ޖިންސީ ފުރައްސާއިގެ ތުހުމަތު ކުރި އަނީތާ ހިލްއާ ސެނެޓު ޖުޑިޝަރީ ކޮމިޓީން ސުވާލު ކުރި އިރު އެ ކޮމިޓީގެ ޗެއާމަންގެ ގޮތުގައި ހުންނެވީ ބައިޑެން އެވެ. އަދި އެ ސުވާލު ކުރުންތައް ކުރިއަށް ގެންދިޔަ ގޮތާ ބެހޭ ގޮތުން އޭރާއި މިހާރުވެސް ގިނަ ބަޔަކު ނުރުހުން ފާޅު ކުރެ އެވެ.
އެ ތުހުމަތުތަކާ އެކުވެސް ތޯމަސް ފަހުން ވަނީ ފަނޑިޔާރު ކަމަށް ހޮވާފަ އެވެ.
ބައިޑެން ސެނެޓަރު ކަމުގައި ހުންނެވި އިރު ދެ ފަހަރަކު ރައީސް ކަމަށް ވާދަ ކުރެއްވި އެވެ. ފުރަތަމަ 1988ގައި ވާދަ ކުރެއްވި އިރު އޭނާގެ ކެމްޕެއިން ނިންމާލަން ޖެހުނީ އޭނާ ތަގުރީރުތައް ކޮޕީ ކުރައްވާ ކަމުގެ އަޑު ގަދަވި ފަހުންނެވެ. އަދި 2008 ވަނަ އަހަރު އަނެއްކާވެސް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރެއްވުމުން އެކަން ނާކާމިޔާބުވި ނަމަވެސް، އެ ފަހަރުގެ ކެންޑިޑޭޓު ބަރަކް އޮބާމާގެ ރަނިން މޭޓުކަން ގަބޫލު ކުރެއްވި އެވެ.
އޮބާމާ ވެރިކަން ކުރެއްވި ދެ ދައުރުގައި 2008 އާއި 2016އާ ދޭތެރޭ ބައިޑެންއާ އެކު އެކުވެރި، ގާތް ގުޅުމެއް ގާއިމު ކުރެއްވި އެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބަށް ބައިޑެން ނުކުމެވަޑައިގަތުމުން އޮބާމާ އޭނާއަށް ތާއިދު ކުރާކަން އިއުލާން ކުރެއްވި އެވެ.

ޖޯ ބައިޑެން 2013 ވަނަ އަހަރު ނައިބު ރައީސް ކަމުގެ ދެވަނަ ދައުރަކަށް ހުވާ ކުރެއްވި އިރު އަނބިކަނބަލުން ޖިލް ބައިޑެންއާ އެކު -- ފޮޓޯ: އޭޕީ
ބައިޑެންގެ އާއިލާ
ބައިޑެން ރައީސްކަމާ ހަވާލުވެވަޑައިގަތުމުން ފަސްޓް ލޭޑީއަކަށްވެ ވަޑައިގަންނަވާނީ އޭނާ 1977 ވަނަ އަހަރު ކައިވެނި ބައްލަވައިގެންނެވި ޑރ. ޖިލް ބައިޑެން އެވެ.
ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ޖިލް ބައިޑެން ގެންދަވަނީ ނަދަން ވާޖީނިއާ ކޮމިއުނިޓީ ކޮލެޖުގައި އިނގިރޭސި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އަދި އޭނާ އަކީ ފިރިކަލުން ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރުވެސް މުސާރަ ލިބޭ މަގާމެއް ފުރުއްވަމުން ގެންދެވި ފުރަތަމަ 'ސެކަންޑް ލޭޑީ' އެވެ.
ޖިލް ބައިޑެން ވަނީ ފިރިކަލުން ރައީސްކަމުގެ ހުވާ ކުރެއްވުމުންވެސް ވަޒީފާ ދޫކޮށްނުލައްވާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފަ އެވެ.
ޖިލް ބައިޑެން އަކީ ބައިޑެންގެ ދެވަނަ އަނބިކަނބަލުންނެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ 1966 ވަނަ އަހަރު ނެލިއާ ހަންޓާ ކިޔާ ބޭފުޅަކާ އެވެ. އަދި އެކައިވެންޏަށް ތިން ބޭފުޅަކު ލިބިވަޑައިގެންނެވި އެވެ. އެއީ ބޯ ބައިޑެން، ހަންޓާ ބައިޑެން އަދި ނައޯމީ ކްރިސްޓީނާ "އޭމީ" ބައިޑެން އެވެ. ނަމަވެސް 1972 ވަނަ އަހަރު ނެލިއާ އާއި އެއް އަހަރުގެ އޭމީ ކާރު އެކްސިޑެންޓެއްގައި އަވަހާރަވި އެވެ. އެ އެކްސިޑެންޓުގައި ހަތަރު އަހަރުގެ ބޯ އާއި ދެ އަހަރުގެ ހަންޓާއަށް އަނިޔާ ލިބުމުން، އެ ފަހަރު ބައިޑެން ސެނެޓަރު ކަމުގެ ހުވާ ކުރެއްވީ އެ ދެ ބޭފުޅުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ބޭއްވި އެނދު ކައިރީގަ އެވެ.
އޭގެ ފަހުން 1981 ވަނަ އަހަރު، ޖިލް އާއި ބައިޑެންއަށް އަންހެން ބޭފުޅަކު ލިބިލެއްވި އެވެ.
ނަމަވެސް 2015 ވަނަ އަހަރު އިތުރު ފުން ހިތާމަޔަކާ ކުރިމަތިލައްވަން ބައިޑެންއަށް ޖެހިވަޑައިގަތެވެ. އެއީ އޭރު 46 އަހަރުގެ ހަންޓާ ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
ބައިޑެން ވަނީ އެ ދެ ފަހަރުވެސް އާއިލާ އެއްބައިކޮށް، ކުރިއަށް ދިޔުމަށް ހިތްވަރު ދިނުމުގައި އަނބިކަނބަލުން ޖިލް އިސް ދައުރެއް އަދާ ކުރެއްވިކަން ފާހަގަ ކުރައްވާފަ އެވެ.