ކޮވިޑްގެ ސަބަބުން މާލެ ސިޓީގައި އައުޓްޑޯ ކުޅިވަރު ކުޅުން މަނާކޮށްފައި އޮތުމަށް ފަހު އައުޓްޑޯ ކުޅިވަރު ކުޅެން ހުއްދަ ދީފި އެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑް19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތައްކަށް ލުއިތަކެއް ދީފައެވެ.

އެގޮތުން އެޗްޕީއޭ އިން ބުނީ، މިރެއިން ފެށިގެން ޔޫތް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކުޅިބަލަން ވަދެވޭނީ 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކުޅިވަރުތައް ކުޅުމަށް އެޗްޕީއޭއިން ލުއިތަކެއް ދިން އިރު، ކުޅިވަރު ކުޅޭ ތަންތަން ބޭނުންކުރުން ހުއްޓުމަށް އެންމެ ފުރަތަމަ ކުޅިވަރާ ބެހޭ ވުޒާރާއިން އެންގީ މިދިޔަ މާޗް މަހު އެވެ. ޖޫން މަހު ދަނޑުތައް ހުޅުވާލި ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ޖުލައި މަހު ހާލަތު ގޯސް ވާން ފެށުމުން އާންމު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުން އެޗްޕީއޭ އިން މަނާ ކުރި އެވެ.

އެޗްޕީއޭގެ އެ ނިންމުމާއެކު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގައުމީ މުބާރާތްތަކާއި، ޕްރެކްޓިސްތައް އޮތީ މެދުކެނޑިފައިއެވެ. އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ގައުމީ ފުޓުބޯޅަ ޓީމުން ވަނީ މީގެ ކުރިން ޕްރެކްޓިސްތަކެއް ވެސް ކޮށްފަ އެވެ. އަދި އެއަށްފަހު ފުރަތަމަ ޑިވިޝަނުގެ ކުލަބުތައް ވަކި ހާއްސަ ގައިޑްލައިންތަކެއްގެ ދަށުން ޕްރެކްޓިސް ކުރުމުގެ ހުއްދަ މިދިޔަ މަހުގެ ކުރީކޮޅު އެޗްޕީއޭއިން ވަނީ ދީފަ އެވެ.

މިރޭ އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގެ ކާފިއު ވަގުތައްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން ރޭގަނޑު ފަތިހު 4:00 އިން ރޭގަނޑު 12:00 އަށް މާލެ ސިޓީގައި އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުމުގެ ހުއްދަ ވަނީ ދިފައެވެ.

ދީފައިވާ އިތުރު ލުއިތައް:

  • ޕާކްތަކާއި މައިޒާންތަކާއި ދާރުލްއާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުން.

  • ހައިސް ރިސްކް މީހުންނަށް ރައްކާތެރި ފިޔަވަޅުތަކާއެކު އޮފިސްތަކަށް ނުކުމެ މަސައްކަތް ކުރުމުގެ ހުއްދަ

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމި އިރު، މިހާރު ރާއްޖެއިން ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތައް ވަނީ މަދުވެފައެވެ. އެގޮތުން އެވްރޭޖްކޮށް މިހާުރު ދުވާލަކަށް ފެންނަނީ 30 ކޭސް އެވެ.

މިއަދު ރާއްޖެއިން ކޮވީޑް 30 މީހުން ޕޮޒިޓިވްވިއިރު، އިއްޔެ ޕޮޒިޓިވްވީ 39 މީހުންނެވެ. މިހާތަނަށް ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 11،962 އެވެ. އޭގެ ތެރެއިން 11،066 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 850 އަށް ތިރިވެފައެވެ. ހޮސްޕިޓަލުގައި އެޑްމިތްކޮށްގެން ފަރުވާ ދެމުންދަނީ 50 މީހަކަށެވެ. ބަލީގައި މިިހާނަށް 39 މީހަކު ވަނީ މަރުވެފައެވެ.