އެެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިންނަވާ ފުރަތަމަ އަންހެން ބޭފުޅުގެ މަގާމު ކަމާލާ ހެރިސް އަށް ލިބިވަޑައިންނަވައިފިއެވެ.

ކެލިފޯނިއާގެ ސެނެޓާގެ މަގާމުގައި ހުންނެވި ކަމާލާއަށް ނައިބު ރައީސްކަމުގެ މަގާމު ކަށަވަރު ވެފައިވަނީ ދާދި ފަހުން އިއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއާ ގުޅިގެންނެވެ. ޑިމޮކްރެޓް ކެނޑިޑޭޓް ޖޯ ބައިޑެން، ކަމާލާއާއެކު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ 284 އިލެކްޓޯރަލް ވޯޓާއެކުގައެވެ.

އެ ކާމިޔާބީ ވެގެންދާނީ އެމެރިކާގެ ތާރީހުގައި ފަވާލެވިގެންދާނެ ކާމިޔާބީއަކަށެވެ. އެގޮތުން ކަމާލާގެ ކާމިޔާބީއާއެކު އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނައިބު ރައީސަކަށް އަންހެން ބޭފުޅެއް ފެނިގެންދާނެއެވެ. ނަމަވެސް އެހިސާބުން ނިމުނީ އެއް ނޫނެވެ.

ކަމާލާގެ ކާމިޔާބީ ހާއްސަވާ އިތުރު ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ކަމާލާއަށް ނައިބު ރައީސްކަން ލިބިވަޑައިންނެވުމުން އެ މަގާމަށް ވަޑައިންނަވާ ކަޅު ނަސްލުގެ ފުރަތަމަ ފަރާތަށް އެކަމަނާ ވެވަޑައިންނަވާނެއެވެ. އަދި ދެކުނު އޭޝިއާއަށް ނިސްބަތްވާ ކަމާލާއަކީ އެމެރިކާގައި ދެކުނު އޭޝިއާގެ ބޭފުޅަކުވެސް ނައިބު ރައީސްގެ މަގާމަށް ވަޑައިންނަވާ ފުރަތަމަ ފަރާތެވެ.

އިންތިހާބާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ކަމާލާ ވިދާޅުވީ އެ އިންތިހާބަކީ ކަމާލާއާއި ޖޯ ބައިޑެންއަށްވުރެ ބޮޑު ކަމެއް ކަމަށެވެ.

"މި އިންތިހާބަކީ އެމެރިކާގެ ރޫހާއި މި ގައުމުން ތެދުވެރިކަމަށް ހަނގުރާމައަށް ތިބީ ތައްޔާރަށްކަން އަންގައިދޭ ބޮޑު ހެއްކެއް. ވަރަށް ގިނަ މަސައްކަތް ކުރިއަށް އޮތް ތަނުގައި އެބައޮތް،" ކަމާލާ ވިދާޅުވިއެވެ.

ހެރިސް ތައުލީމް ހާސިލް ކުރައްވާފައިވަނީ އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ހަވާޑް ޔުނިވާސިޓީއިންނެވެ. އެ ޔުނިވާސިޓީއަކީ ކަޅު ނަސްލުގެ ފަރާތްތަކުގެ މެދުގައި މަގުބޫލު ޔުނިވާސިޓީއަކަށް ވެފައި ކަމާލާގެ ސިޔާސީ ވިސްނުން ބައްޓަން ވެގެންދިޔައީ އެ ޔުނިވާސިޓީއިންނެވެ.

ކަމާލާ ސިޔާސީ ދާއިރާއިން ކުރިއަށް ވަޑައިންނަވާ ވައިޓް ހައުސް އަށް ވަޑައިންނަވާ ސިޔާސީ ދާއިރާގައި ކުރިމަތިވެވަޑައިންނެވި ދަތިތަކާއި އުނދަގޫތައް ހިއްސާކުރެއްވިއެވެ.

"އެތައް ބަޔަކު މަސައްކަތް ކުރި އަޅުގަނޑު ކުޑަކޮށްލައި ވަކި ގޮޅިއަކަށް ފިޓުކޮށްފައި ބެހެއްޓުމަށް. އަޅުގަނޑުގެ ވިސްނުމުގެ އެއްވެސް އަގެއް ނެތް ކަމަށްވެސް އެތައް ބަޔަކު މަސައްކަތް ކުރަން އުޅުނު. އެކަމު އަޅުގަނޑު އަޑެއް ނާހަން. މިއަދު މިއޮތީ ކާމިޔާބީއާ ހަމައިގައި،" ކަމާލާ ވިދާޅުވިއެވެ.