21 Jan 2012, 09:58
ދުވަހު ނޫސް ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނޑޭ)އަށް ލިބިއްޖެ އެވެ. މިއީ އޭނާ މި މަޤާމް ހޯދި ހަތަރު ވަނަ ފަހަރެވެ.
މި އަހަރު އޭޝިއާގައި އެންމެ ވިދާލާނެ ކަމަށް ޝޯޓްލިސްޓު ކުރެވުނު 10 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ދެކުނު އޭޝިއާގެ ހަމައެކަނި ކުޅުންތެރިޔާ ދަގަނޑޭއަށް ހަވީރުންދޭ އަހަރުގެ މޮޅުކުޅުންތެރިޔާގެ މަގާމް ލިބުނީ، ރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ "ހަވީރު ސްޕޯޓްސް އެވޯޑްސް" ނައިޓުގަ އެވެ. އަދި ހަވީރު ޓްރޮފީއާ އެކު ދަނގަދޭ އަށް ރޭ ވަނީ 30،000ރ. ލިބިފަ އެވެ.
އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ދަނގަޑޭއަށް ލިބުނު އިރު، އެމަގާމަށް ޖުމްލަ ފަސް ކުޅުންތެރިޔަކު ހަވީރުން ވަނީ ޝޯޓްލިސްޓު ކޮށްފަ އެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާ އާއި ތިން ވަނަ ކުޅުން ތެރިޔާ ވެސް ރޭ ވަނީ ހޮވައިފަ އެވެ.
އަހަރުގެ އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔަކަށް ހޮވުނީ މިދިޔަ ސީޒަންގައި އެންމެ ގިނަ ގޯލް ޖެހި ވިކްޓަރީ އަދި ގައުމީ ޓީމުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އަދި އޭނާ އަށް ވަނީ ހަވީރު ރަންބޫޓާ އެކު 20،000ރ.ގެ އިތުރުން އަހަރުގެ އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާ އަށް ހަވީރުންދޭ 15000ރ. ވެސް ލިބިފަ އެވެ. މި ދެ މަޤާމް އޮއްޕޮ ދިފާއު ކުރިއިރު، މިދިޔަ ސީޒަންގައި އޭނާ ވަނީ ޖުމްލަ 29 ލަނޑު ޖަހައިފަ އެވެ. އަދި ތިން ވަނަ ކުޅުންތެރިޔަކަށް ހޮވުނީ މިދިޔަ ސީޒަންގައި ވީބީއަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެވެ. އަދި ބަކާ އަށް ވެސް 15000 ރުފިޔާ ލިބުނެވެ.
ހަވީރުން ހޮވާ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް މިދިޔަ ސީޒަންގައި ވެލެންސިޔާ އަށް ކުޅުނު އަސަދުﷲ އަބްދުﷲ އަށް ލިބުނު އިރު، އޭނާއާ އެކު ދެން ވާދަކުރި އަނެއް ދެކުޅުންތެރިންނަކީ އެ ޓީމްގެ ފޯވާޑް ރިލްވާން ވަހީދާއި ވިކްޓަރީގެ ހަސަން އަދުހަމެވެ.
މުނިފޫހިފިލުވުމުގެ ޚާއްސަ ހަރަކާތްތަކަކާ އެކު ކުރިއަށް ދިޔަ މިހަފުލާގައި އެންމެ މޮޅު ފުޓުބޯޅަ ކޯޗުގެ މަގާމަށް ހޮވުނީ މިދިޔަ ސީޒަންގައި އެންމެ ގިނަ ކާމިޔާބީތައް ދިފާއު ކުރި ވީބީގެ ތުރުކީ ކޯޗް ޖޭން ވަންލީ އެވެ. އަދި ވަންލީއާ އެކު މިމަގާމަށް ވާދަކުރި އަނެއް ދެ ކޯޗުންނަކީ މިދިޔަ ސީޒަންގައި ދެވަނައަށް އެންމެ ގިނަ ކާމިޔާބީތައް ދިފާއުކުރި ވިކްޓަރީގެ ކޯޗް އަލީ ސުޒޭނާއި ނިއުގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އަދި އެންމެ މޮޅު ރެފްރީގެ މަގާމަށް ހޮވުނީ މިދިޔަ އަހަރު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެސިސްޓެންޓް ރެފްރީކަން ކުރި މުހައްމަދު ފަރީދަށެވެ.
ހަމައެކަނި ދުވަހު ނޫސް ހަވީރުން ރާއްޖޭގައި އަދި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ހަފުލާ ރޭ ބޭއްވި އިރު، ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅަ އަދި ބާސްކެޓުން 23 އެވޯޑެއް ރޭ ވަނީ ދީފަ އެވެ. އެގޮތުން އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 25،000ރ. ލިބުނީ، އިޝާން މުހައްމަދު (ބަޓިސް)އެވެ. އަދި ދެވަނަ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަށް ލިބުނުއިރު ތިންވަނަ ލިބުނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަށެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔާއަށް ހޮވުނީ އަހުމަދު އަނިލް ނަސީރެވެ.
އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 15،000ރ. ލިބުނީ، ސުހާނާ އަހުމަދަށެވެ. އަދި ދެވަނަ އާގިލާ ހާމިދަށް ލިބުނު އިރުތިން ވަނަ ލިބުނީ ދެވަނަ އައިޝަތު ނާޒިމާއަށެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާ އަކަށް ހޮވުނީ ހައްވާ ރާޝިދާ އެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 20،000ރ. ލިބުނީ، މުހައްމަދު ޒިލާލަށެވެ. އަދި ހަވީރުގެ ޓްރޮފީއާ އެކު އެންމެ 15000ރ. ދޭ އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔާ އަކަށް ހޮވުނީ އާމިނަތު ޝިއުރާ އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔާގެ މަޤާމަށް އިސްމާއިލް ވިލްދާން ޔޫސުފް ހޮވުނުއިރު، އަންހެން ބާސްކެޓް ކުޅުންތެރިޔާ އަކަށް ހޮވުނީ ރުލޭހާ އިބްރާހިމެވެ.
ހަވީރު ސްޕޯޓްސް އެވޯޑް އެންމެ ފުރަތަމަ ދޭން ފަށާފައި ވަނީ 1995 ވަނަ އަހަރު އެވެ.