10:00


އެޖެންޑާއާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓުމުގެ ސަބަބުން ޖަލްސާ ކުރިއަށްނުގެންދެވިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމަވާލައްވައިފި އެވެ.


އިއްޔެގެ ޖަލްސާ ފަދައިން މިއަދުގެ ޖަލްސާ ފެށުމުން ވެސް އެޖެންޑާކޮށްފައިވާ ކަންތައްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. އެމްޑީޕީގެ މެންބަރުން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ، ޖަލްސާގެ ދެވަނަ ކަމެއްގެ ގޮތުގައި އެޖެންޑާކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައާ ބެހޭގޮތުންނެވެ. އެ މެންބަރުން ވިދާޅުވީ، އެ މައްސަލައަކީ އެޖެންޑާ ކުރެވިގެންވާނެ މައްސަލައެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ގެންނަންޖެހޭ މާ މުހިއްމު މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެ މަސައްކަތްތައް އެޖެންޑާކޮށްފައިވާ ގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް އެ މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް ޝާހިދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެ މައްސަލަ އަކީ ގަވާއިދާ އެއްގޮތަށް އެޖެންޑާކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި، މުޅި މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއް ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅިއްޖެނަމަ އެހެން މަސައްކަތްތަކުގެ ކުރިއަށް އެކަން ގެންނަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދު ބުނާ ކަމަށާއި، އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ އެ އުސޫލުން ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކަކީ ވެސް ގާނޫނު އަސާސީގައިވާ ގޮތުން ނިންމަންޖެހޭ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް މި މައްސަލަތަކާ ދެކޮޅު ހައްދަވައި، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވުމުން އެ މެންބަރުންނާ ދެކޮޅަށް އިދިކޮޅު މެންބަރުން ވެސް ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ނުވަގަޑި ނަވާވީހުގައި ރިޔާސަތުން މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައި، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް އިއްލާން ކުރެއްވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ގަސްގަހާގެހި ކަރަންޓީނު ކުރުމާ ބެހޭ ބިލުގެ ފުރަތަމަކިޔުން އިސއްވުމުގެ ގޮތުން އެ ބިލުގެ ސުރުހީ މަޖިލީހަށް އިއްވެވުމާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ހުށަހަޅުއްވާފައިވާ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލުގެ ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިއާޔަތް ކުރެއްވުމަށް ހުށަހެޅުން ހިމެނެ އެވެ. މީގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރަ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވުމާއި، ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް މީހުން ގެންނަން ނިންމާފައިވާ މައްސަލަ ދިރާސާކުރުމަށްފަހު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިންގެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ފެންނިވަޑައިގަންނަވާ ކަމަށް މާލިއްޔަތު ކޮމިޓީން ހުށަހެޅުއްވި ރިޕޯޓްގައިވާ ނަންފުޅުތަކުގެ ތެރެއިން ނުވަ ނަންފުޅު މަޖިލީހަށް ހުށަހަޅައި ވޯޓަށް އެއްސެވުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.