07 Nov 2020, 23:09
މާލެ ސިޓީގައި ރޭގަނޑު 12:00 ޖަހަންދެން ބޭރުގައި އުޅެވޭ ގޮތަށް އެޗްޕީއޭ އިން ހުއްދަ ދީފި އެވެ.
އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑް19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތައްކަށް ލުއިތަކެއް ދީފައެވެ. އެގޮތުން މާލެ ސިޓީގައި ކާފިއުގެ ވަގުތު ވަނީ 12:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައެވެ. މީގެ ކުރިން ކާފިއު ވަގުތަކީ، ރޭގަނޑު 11:00 އިން ފަތިހު 4:00 އަށެވެ.
އެހެންކަމުން އެޗްޕީއޭގެ އެ ނިންމުމާއެކު ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް މާލެ ސިޓީގައި އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުމުގެ ހުއްދަ އޮންނާނެއެވެ.
އޭގެ އިތުރުން 14 މީހުންނަށްވުރެ ގިނައިން އެތަނަކަށް އެއް ނުވެވޭނެ ގޮތަށްވެސް ވަނީ ލުއި ދީފައެވެ.
ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އަދިވެސް މާލެ ސިޓީން ރާއްޖޭގެ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ކަރަންޓީންވުން ލާޒިމެވެ. އެ ނިންމުމަކަށް ބަދަލެއް ނާދެއެވެ.
ދެން ލުއި ދީފައިވަނީ ބައެއް ކުޅިވަރުތައް ކުޅުމަށެވެ. އެގޮތުން ޔޫތް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ވަނީ ދީފައެވެ.
ކުޅިބަލަން ވަދެވޭނީވެސް 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ދީފައިވާ އިތުރު ލުއިތައް:
ޕާކްތަކާއި މައިޒާންތަކާއި ދާރުލްއާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުން.
- ހައި ރިސްކް މީހުންނަށް ރައްކާތެރި ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނުކުމެ މަސައްކަތް ކުރުމުގެ ހުއްދަ