އެެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާގެ އެންމެ ފަހުގެ ވޯޓުތައް އިއުލާނުކުރުމާއެކު ބައިޑެންއަށް ލިބިފައިވާ ވޯޓުގެ އަދަދު ވަނީ 284 އިލެކްޓޯރަލް ވޯޓަށް އިތުރުވެ އިންތިހާބު ކާމިޔާބުކުރައްވާފައެވެ. އެއާއެކު އެމެރިކާގެ 46 ވަނަ ރައީސްކަމަށް ބައިޑެން ވަނީ އިންތިހާބުވެވަޑައިންނަވާފައެވެ.

އެކަމާ ގުޅިގެން ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު، ބައިޑެން އަށް މަރުހަބާ ދަންނަވައި ވިދާޅުވީ އެމަނިކުފާނުގެ އެޑްމިނިސްޓްރޭޝަންއާ ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެގޮތުން ދެގައުމުގެ ދެމެދުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ކޮވިޑް-19 ކޮންޓްރޯލުކުރުމުން ފެށިގެން ތިމާވެށީގެ ކަންތައްތައްކަށް އެކީގައި މަސައްކަތްކުރެއްވުމަށް އިންތިޒާރުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އުޅުނީ ވަރަށް ވާދަވެރިކޮށެވެ. މިހާރުގެ ރައީސް އަދި ކެނޑިޑޭޓް ޑޯނަލްޑް ޓްރަމްޕް ބައެއް ސްޓޭޓްތަކުގައި ކުރީގައި އުޅުއްވުމަށްފަހު ވޯޓު ގުނުން ނިމުމާ ގާތްވިއިރު ބައިޑެން ވަނީ ކުރި ހޯއްދަވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އެންމެ ފަހު ބައި ނުލިބި ލަސްވެފައިވަނީ ނެވާޑާ ފަދަ ބައެއް ސްޓޭޓުތަކުގެ ނަތީޖާތައް އެއްކޮށް ލިބިފައި ނުވާތީއެވެ. އެގޮތުން މިއަދުގެ ކުރީން ބައިޑެންއަށް 274 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު ޓްރަމްޕްއަށް ވަނީ 210 އިލެކްޓޯރަލް ވޯޓު ލިބިވަޑައިންނަވާފައެވެ.