އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން 270 އަށްވުރެ ގިނަ އިލެކްޓޯރަލް ވޯޓު ހޯއްދަވައި، ޑިމޮކްރެޓް ކެނޑިޑޭޓް ޖޯ ބައިޑެން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ބައިޑެން ވަނީ 284 އިލެކްޓޯރަލް ވޯޓު ހޯއްދަވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

އިންތިހާބު ކާމިޔާބު ކުރުމާއެކު ޖޯ ބައިޑެން ވެގެންދާނީ އެމެރިކާގެ 46 ހަވަނަ ރައީސް އަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރަމުންދިޔައިރު ޖޯ ބައިޑެން އާއި އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޕަބްލިކެން ކެނޑިޑޭޓް ޑޯނަލްޑް ޓްރަމްޕް ދެމެދުގައި އޮތީ ކުޑަ ފަރަގެކެވެ.

ސީއެންއެންގެ ރިޔާސީ އިންތިހާބުގެ ޕްރޮޖެކްޝަނަށް ބަލާއިރު މިއަހަރުގެ އިންތިހާބުގެ ނަތީޖާއިން ޓްރަމްޕް އަށް ލިބިވަޑައިންނަވާފައިވަނީ 214 އިލެކްޓޯރަލް ވޯޓް އެވެ. ޓްރަމްޕް އިންތިހާބުން ބަލިވެވަޑައިންނެވި ނަމަވެސް އެމަނިކުފާނު ވަނީ މީގެކުރީން އިންތިހާބު ކާމިޔާބުވާނެ ކަމަށް އިއުލާނުކުރައްވާފައެވެ. އަދި އޭގެއިތުރުން އިދިކޮޅު ފަރާތްތަކުން ވޯޓު އޮޅުވާލަން އުޅޭ ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވާފައިވެއެވެ.

މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވުމުން ޖޯ ބައިޑެން އާއި އެމަނިކުފާނުގެ ރަނިންމޭޓް އަދި ނައިބު ރައީސްގެ މަގާމަށް ވަޑައިންނަވާ ކަމާލާ ހެރިސްއާ އެކު އެމެރިކާއަށް މުޅިން އާ ރެކޯޑުތަކެއް ގާއިމުކުރެވުނީއެވެ.

ބައިޑެން، ރައީސްކަމަށް ވަޑައިންނަވާއިރު އެމަނިކުފާނު ވެގެންދާނީ އެމެރިކާގެ ތާރީހުގައި ރައީސް ކަމުގެ މަގާމަށް ވަޑައިންނަވާ އެންމެ ދުވަސްވީ ބޭފުޅަށެވެ. އަދި ކަމާލާ ނައިބު ރައީސް ކަމުގެ މަގާމަށް ވަޑައިންނަވާއިރު އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނައިބު ރައީސްކަން ކުރައްވާ އަންހެން ބޭފުޅަކަށް އެކަމަނާ ވެގެންދާނެއެވެ. އޭގެއިތުރުން ކަޅު ނަސްލު އަދި ދެކުނު އޭޝިއާއަށް ނިސްބަތްވާ ފަރާތެއް ނައިބު ރައީސްގެ މަގާމަށްވެސް އެމެރިކާގައި ވަޑައިންނަވާ މިއީ ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ރިޔާސީ އިންތިހާބުން ނާކާމިޔާބު ވުމުން އޭނާ ވަނީ ފާއިތުވި 100 އަހަރު ތެރޭ އެމެރިކާއިން ދެވަނަ ދައުރެއް ކާމިޔާބު ނުކުރެވުނު ފަސް ވަނަ ރައީސަށްވެ ވަޑައިގެންފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު މޮނިޓާ ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި މި އިންތިހާބުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓު ދީފައިވެ އެވެ. އެގޮތުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 66.9 ޕަސެންޓު މީހުން ވޯޓު ދިން ކަމަށާއި އެއީ ފާއިތުވި 120 އަހަރު ތެރޭ އެހާވަރަށް ގިނަ މީހުން ވޯޓުގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ޔޫއެސް އިލެކްޝަންސް ޕްރޮޖެކްޓްއިން ބުންޏެވެ. އެ ޕްރޮޖެކްޓުން ބުނި ގޮތުގައި މި އަހަރު އެގައުމުގައި ތިބި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 240 މިލިއަނަށް އަރަ އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު އެ އިންތިހާބު ބޭއްވުމުގެ ކުރިން ދުރާލާ ވޯޓު ލާން އެގައުމުން ހުޅުވާލުމުން، 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވެ އެވެ.