07 Nov 2020, 20:25
މާލޭ ސަރަހައްދުގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ތަރައްގީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފި އެވެ.
މާލޭގެ ދަތުރުފަތުރުގެ ހިދުމަތް ތަރައްގީކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބެއްލެވުމަށް ނައިބު ރައީސް ވަނީ އެ ސަރަހައްދުތަކަށް ވަޑައިންނަވާފައެވެ. އެގޮތުން މިއަދު ހަވީރު، ވަނީ އެސްޓީއޯއިން ވެސްޓްޕާކް ސަރަހައްދުގައި ތަރައްގީކުރާ ބަސްހުއްޓި ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވާފައެވެ.
އޭގެއިތުރުން ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ސަރަޙައްދު ސާފުކުރުމަށްފަހު އެ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް ހަދަމުންދާ ޕާކިން ޒޯނުގެ މަސައްކަތް ކުރިއަށްދާގޮތްވެސް ވަނީ އެމަނިކުފާނު ބައްލަވާފައެވެ.
އެމަނިކުފާނުގެ ޒިޔާރާތަށްފަހު، މާލޭގައި ދަތުރުފަތުރުގެ މަޝްރޫއުތައް ކުރިއަށް ގެންދާ ފަރާތްތަކާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކާ މަޝްވަރާކުރައްވައި މަސައްކަތް ކުރިއަށްދާއިރު ޓްރެފިކަށް ލުޔެއް ލިބޭނޭހެން ކުރިއަށް ގެންދިޔުމަށް ފައިސަލް ނަސީމް ވަނީ އިރުޝާދު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އެ ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް އަހުމަދު އާދިލުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.