21 Jan 2012, 09:35
އުމުރުން ދުވަސްވުމާގުޅިގެން ލޮލުގެ ފެނުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމުގައި ވިޓަމިން ޑީ މުހިއްމު ދައުރެއް އަދާކުރާކަން އިނގިރޭސިވިލާތުގެ މެޑިކަލް ސައެންސްވެރިންގެ ޓީމަކުން ހާމަކޮށްފި އެވެ.
މިޓީމުން ބުނިގޮތުގައި ލޮލަށް ބޭނުންވާ މިންވަރަށް ވިޓަމިން ޑީ ނުލިބުމަކީ ކުރިއަރަމުންދާ ޤައުމުތަކުގެ މީހުންގެ އިތުރުން ކުރިއަރާފައިވާ އަދި މުއްސަނދި ޤައުމުތަކުގެ މީހުންނަށްވެސް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ. ސައެންސްވެރިން ބުނާގޮތުން ލޮލަށް ބޭނުންވާ ލޭ (ލޮލާގުޅިފައިވާ ނާރުތައް މެދުވެރިކޮށް) ލޮލުގެ ރެޓިނާއަށް ހުއްޓުމެއްނެތި ފޯރުކޮށްދިނުމުގައި ވިޓަމިން ޑީ މުހިއްމު ދައުރެއް އަދާކުރެއެވެ.
އިނގިރޭސިވިލާތުގެ "ރޮޔަލް ނެޝަނަލް އިންސްޓިޓިއުޓް ފޯރ ބްލައިންޑް" ބުނާގޮތުން ލޮލުގެ ފެނުންބަލިކަށިވެފައިވާ މީހުންގެ ފެނުން ރަނގަނޅު ކުރުމަށްޓަކައި ކާބޯތަކެތީގެ ސަޕްލިމެންޓްސްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ވިޓަމިންސް އާއި މިނެރަލްސްގެ ބޭސްތައް ބޭނުންކުރުން ރަނގަނޅެވެ. ނަމަވެސް މިފަދަބޭސްތައް ބޭނުންކުރަންޖެހޭނީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަމަށާއި މާގިނައިން މިފަދަ ބޭސްތައް ބޭނުންކުރާނަމަ ސިއްޙީ އެހެން މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އެއިންސްޓިޓިއުޓްގެ ޑޮކްޓަރެއް ކަމަށްވާ ކްލަރާ އިގްލިން ވިދާޅުވިއެވެ.
އިނގިރޭސި ސައެންސްވެރިން ބުނާގޮތުން ލޮލުގެ ސިއްޙަތުގެ އިތުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ސިއްޙީ އެހެން މައްސަލަތައް ޙައްލުކުރުމުގައިވެސް ވިޓަމިން ޑީ އަކީ ވަރަށް ބޭނުންތެރި ވިޓަމިނެކެވެ. ވިޓަމިން ޑީ ހުންނަ ކާބޯތަކެތީގެ ތެރޭގައި ކަނޑުމަހާއި ފަރުމަހުގެ އިތުރުން ބިސް ހިމެނެއެވެ.
ފަރުމަހުގައާއި ބިހުގެ ޔޯކުގައި ވިޓަމިން ޑީ ވަރަށް ގިނަކަމަށް ވެއެވެ. މީގެއިތުރުން ކިރާއި ކިރުގެ ބާވަތްތަކުންނާއި އަވިންވެސް ވިޓަމިން ޑީ ލިބެއެވެ. ނަމަވެސް އަވިން ލިބޭ ވިޓަމިން ޑީ ން އެކަނި ހަށިގަނޑަށް ފުދޭވަރުނުވާ ކަމަށް ސައެންސްވެރިން ބުނެއެވެ. (ޑެއިލީ ޓެލެގްރާފް)