މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެމެރިކާގެ މަގްބޫލު ތަރި ޖޯނީ ޑެޕް 57، އަށް ފެންޓާސްޓިކް ބީސްޓްގެ ތިން ވަނަ އިންސްޓޯލްމަންޓް އިން ވަކިވާން އޭނާއަށް މަޖުބޫރުވެއްޖެއެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޖޯނީ އެ ފިލްމުން ނުފެންނާނެކަން ވޯނާ ބްރޯސް ޕިކްޗާސް އިން ވަނީ ކަށަވަރުކޮށްދީފައެވެ. ހެރީ ޕޮޓާ" ފިލްމުތަކުގެ ޕްރީކުއެލްއެއް ގޮތަށް ނެރޭ އެ ފިލްމުން ވަކިވާންޖެހުނު ސަބަބު ހާމަކޮށްދެމުން ޖޯނީ ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ އެ ފިލްމުން ވަކިވާން އޭނާއަށް ވޯނާ ބްރޯސް އިން އެންގި ކަމަށާއި އެމީހުންގެ ނިންމުމަށް އިޚްތިރާމްކުރުމުގެ ގޮތުން އެ ފިލްމުން އޭނާ ވަކިވާން ނިންމީ ކަމަށެވެ.

ވޯނާ ބްރޯސް އިން އެ ނިންމުން ނިންމީ ބޭރުގެ ނޫހެއް ކަމަށްވާ "ދަ ސަން" ނޫހާ ދެކޮޅަށް ކޯޓުގައި ހިންގި މައްސަލައިން ޖޯނީ ނާކާމިޔާބުވެފައި ވަނިކޮށެވެ. ޖޯނީ އަކީ އަނބިމީހާ އަށް އަނިޔާކުރާ މީހެއްކަމަށް ބުނެ އެ ނޫހުން ރިޕޯޓްކުރުމާ ގުޅިގެން އެ މައްސަލަ ވަނީ ކޯޓަށް ވައްދާފައެވެ.

އެކަމާ ގުޅިގެން ޖޯން ބުނީ ކޯޓުން ކޮންމެ ގޮތަކަށް މައްސަލަ ނިމުނު ނަމަވެސް އިސްތިއުނާފު ކޮށްގެން ހަގީގަތް އާންމުންނަށް ހާމަކުރާނެ ކަމަށާއި އޭނާއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. މިވަގުތު އޭނާގެ ދިރިއުޅުމާއި ކެރިއަރު އެކަމުން ސާބިތުކޮށްނުދެވޭނެކަމަށް ވެސް ޖޯނީ ވަނީ ބުނެފައެވެ.

ފިލްމުން ޖޯނީ ވަކިކުުރުމުން އޭނާގެ ފޭނުން ވަނީ ރަތަށް އަރާފައެވެ. އަދި އެ ފިލްމު ކެންސަލް ކުރުމަށާއި ޖޯނީ އަށް އިންސާފުދިނުމަށް ފޭނުން އަންނަނީ ގޮވާލަމުންނެވެ.

ފެންޓާސްޓިކް ބީސްޓްގެ ފުރަތަމަ ބައި ރިލީޒްވީ 2016 ވަނަ އަހަރެވެ. އޭގެ ދެވަނަ ބައި ނެރުނީ 2018 ވަނަ އަހަރުގައެވެ.