07 Nov 2020, 18:24
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އުމުރުން 61 އަހަރުގެ މާކް މެޑޯސް ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން ވަނީ ބޭރުގެ ނޫހެއް ކަމަށްވާ ސީއެންއެން އިން ކަށަވަރުކޮށްފައެވެ. ސީއެންއެންއަށް އެ މައުލޫމާތު ލިބިފައިވަނީ ވައިޓް ހައުސްގައި މަސައްކަތް ކުރާ ދެ އޮފިޝަލެއްގެ ފަރާތުން ކަމަށް އެ ނޫހުން ބުނެއެވެ.
އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަންގައި ހިމެނޭ ބައެއް ބޭފުޅުން ދަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުންނެވެ. އެގޮތުން މެޑޯސްގެ ކުރީންވެސް ވަނީ ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަންގެ ދެ ބޭފުޅެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް މީގެ ކުރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓަށްފަހު، މެޑޯސް ދާދި ފަހުން ވިދާޅުވެފައިވަނީ އޭނާއަށް ކޮވިޑް-19 ޖެހުން ކަމަށެވެ. އެހެންނަމަވެސް ކޮވިޑްއަށް ޕޮޒިޓިވް ވެފައިވަނީ އޭނާ ކޮން އިރަކު ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
ޓްރަމްޕް އާއެކު ގިނަ ދަތުރުފުޅުތަކެއް ދާދި ފަހުން ކުރައްވާފައިވާ މެޑޯސް ވަނީ މާސްކް ނުއަޅުއްވާ ހުއްޓާ އެތައް ފަހަރެއްގެ މަތީން ފެނިފައެވެ.
މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހުގައި ޓްރަމްޕްގެ އިންތިހާބުގެ އެންމެ ފަހުގެ ކެމްޕެއިން ދަތުރުފުޅުގައި މެޑޯސް ވަނީ ޓްރަމްޕްއާއެކު ދަތުރުކުރައްވާފައެވެ. އަދި އަންގާރަދުވަހުގައި ވައިޓް ހައުސްގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ރޭގެ ޕާޓީއެއްގައިވެސް މެޑޯސް ބައިވެރިވެފައިވެއެވެ. އެއިން އެއްވެސް އިރެއްގައި މެޑޯސް މާސްކް އަޅުއްވާފައެެއް ނުވެއެވެ.