އުތުރުގެ ބައެއް ސަރަހައްދަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ޅ. ނައިފަރުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

މި ދުވަސްވަރަކީ އުތުރުގު ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ބޯކޮށް ވިއްސާރަކުރަމުންދާ ދުވަސްވަރެކެވެ. އެ ވިއްސާރައިގައި ނައިފަރަށް ވަނީ ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހިފައެވެ.

ނައިފަރަށް ބޯކޮށް ވާރޭ ވެހެމުންދިޔުމާ ގުޅިގެން އެރަށުގެ ބައެއް ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އެރަށުގައި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ އުތުރު ސަރަހައްދު ސިފައިން ދަނީ ކުރިއަށް ގެންދަމުން ކަމަށެވެ.

އެ ރަށުގައި ފެންބޮޑުވެފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 1355 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް ތަނުގައިވެސް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިރޭ 2100 އާ ހަމައަށް ވައިޓް އެލާޓް އިއުލާނުކޮށްފައިވާ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.