އަންކަރާ (ޖަނަވަރީ 21) : ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާނަށް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާ ކަމަށް ފެތުރުނު ޚަބަރުތަކެއް އޭނާ ދޮގުކުރައްވައިފި އެވެ.

ތުރުކީގެ "ޙުއްރިއްޔަތު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ ކެންސަރުގެ އާލާސްކަންފުޅެއް އޭނާގެ ހަށިގަނޑުގައި ނެތްކަން ޑޮކްޓަރުން ސާބިތުކޮށްދީފައިވާ ކަމުގައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ކުރެއްވި ގޮހޮރުގެ އޮޕަރޭޝަންގައި ކެންސަރުނޫން ޓިޝޫތަކެއް ޑޮކްޓަރުން އޭނާގެ ހަށިގަނޑުން ނަގާފައިވާ ކަމަށާއި މިޓިޝޫތައް ނުނެގިނަމަ އެތަކެތި ކެންސަރަށް ބަދަލުުމުގެ ފުރްސަތު އޮތްކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމުގައެވެ.

އިސްލާމީ ދުނިޔޭގެ އެންމެވަރުގަދަ އެއްޝަޚްސިއްޔަތުގެ ގޮތުގައި ސިފަކުރެވޭ އުރުދުޣާން ކީރިތި ޤުރްއާނުގެ އާޔަތެއް ވިދާޅުވުމަށްފަހު ވިދާޅުވީ މާތް ﷲ މިންވަރުކުރައްވާފައިވާ ކަމެއްނޫނީ އޭނާއަށް ނުޖެހޭނެ ކަމަށް އީމާންވެ ވަޑައިގަންނަވާތީ ހިތްޕުޅަށް ފިނިކަންލިބިވަޑައިގަންނަވާ ކަމުގައެވެ. މިދިޔަ ހަފްތާގެ އޮޕަރޭޝަނަށްފަހު އުރުދުޣާން ގެންދަވަނީ ހޮސްޕިޓަލުގައި އަރާމުކުރައްވަމުންނެވެ.

ވަރުބަލިކޮށް އުޅުމުގެ ބަދަލުގައި ދުވަސްތަކެއްވަންދެން އަރާމުކުރުމަށް ޑޮކްޓަރުން ލާފާދެއްވާފައިވާ ކަމަށް އުމުރުފުޅުން 58 އަހަރުގެ އުރުދުޣާން ވިދާޅުވިއެވެ. އަރާމުކުރުމުގެ މުއްދަތު ހަމަވުމުން ދުނިޔޭގެ އެކިޤައުމުތަކަށް ވަރަށްގިނަ ދަތުރުތައް ކުރައްވަން ތާވަލުކުރެވިފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. (ޔުނައިޓެޑް ޕްރެސް)