ކ. ތުލުސްދޫ އިން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފަށައިފި އެވެ.

އެރަށުގައި ހިންގާ ގެސްޓްހައުސް އެއް ހުޅުވައި، މިއަދު އެރަށަށް ވަނީ ފަތުރުވެރިން ގޮސްފައެވެ. ކޮވިޑު19ގެ ސަބަބުން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ މަހުގެ 15 އިން ފެށިގެން ގެސްޓްހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ވަނީ ދޭންފަށައިފައެވެ.

ގެސްޓްހައުސް ހުޅުވަން ހުއްދަ ދެނީ ރަށުފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންތައްތަކާއެކު ގެސްޓްހައުސްތަކުންވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމުންނެވެ.

ތުލުސްދޫ އިން މިއަދު ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ގެސްޓްހައުސްތައް ގިނަ ތުލުސްދޫގެ ޒުވާނުންނާއި އާބާދީގެ ގިނަ ބަޔެއްގެ އާމްދަނީ ގުޅިފައިވަނީ ގެސްޓްހައުސް ސިނާއަތާއެވެ.

ކ.ތުލުސްދޫ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު 69 ގެސްޓްހައުސް އަކަށް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ.

ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭ ގޮތުން، އެންމެން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދެނީ ރަށުފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަކޮށް، އެރަށެއްގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުނަށް ރަށު ކައުންސިލްގެ އިއުތިރާޒު ނެތްނަމަ އެވެ. ކޮންމެ ރަށެއްގައި ވެސް ހާއްސަ ފްލޫކްލިނިކަކާއި އައިސޮލޭޝަނަށް ހާއްސަ އެނދު ބަހައްޓަން ޖެހެ އެވެ.

ރާއްޖޭގެ 86 ރަށުގައި 10،000 އަށްވުރެ ގިނަ ގެސްޓްހައުސް އެނދު ހުރި އިރު 6000 އަށްވުރެ ގިނަ ރައްޔިތުންގެ އާމްދަނީ އާއި ވަޒީފާ ގުޅިފައި ވަނީ ގެސްޓްހައުސް ސިނާއަތަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 ޕަސެންޓަކީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

މިހާތަނަށް ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފައިވާ ރަށްތަކަކީ

  • ނ. ފޮއްދޫ

  • ކ. ހުރާ
  • ވ. ފުލިދޫ
  • ވ. ތިނަދޫ
  • އއ. މަތިވެރި
  • ކ. މާފުށި
  • އއ. ތޮއްޑޫ
  • އއ. އުކުޅަސް
  • ކ. ގުރައިދޫ
  • ކ. ހިންމަފުށި
  • އއ. ރަސްދޫ
  • އައްޑޫ ސިޓީ ފޭދޫ
  • އައްޑޫ ސިޓީ މަރަދޫފޭދޫ
  • ކ. ތުލުސްދޫ
  • ފުވައްމުލައް ސިޓީ
  • ކ. ގުޅި