07 Nov 2020, 13:31
ރާއްޖޭގައި ފެންވަރު ރަނގަޅު ކޯޗުން ތަމްރީން ކުރުމަށް އެފްއޭއެމް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ސަރަހައްދުގެ ކޯޗިންގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯހުގެ ފުރުސަތު ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އަށް ދީފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ، އެފްއޭއެމްގެ ޓާގެޓަކީ ރާއްޖޭގައި ޕްރޯ ލައިސެންސްޑް ކޯޗުން އިތުރު ކުރުން ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މި އަންނަ އަހަރު ދެކޯޗަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. ފުރުސަތު ލިބުނު ސުޒޭން އާއި އިންމައަށް ބައްސާމް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ގިނަ ކުލަބުތަކެއްގައި މަސައްކަތް ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައިވާ މި ދެ ކޯޗުންނަށް ފުރުސަތު ދިން އިރު، އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ. މި ކޯސް އެކި ގައުމުތަކުގައި ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާނެ އެވެ.
ކޯޗިންގް ކެރިއަރު 2000 ގެ ކުރީކޮޅުގައި ފެށި ސުޒޭން ވަނީ ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ކޯޗިންގް ކެރިއަރު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ފަށައި ފަހުން ހެޑް ކޯޗުގެ މަގާމުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ސުޒޭން ކްލަބާ ވަކިވީ 2012 ވަނަ އަހަރުގައެވެ.
ސުޒޭން ވަނީ ވިކްޓްރީ އަށް ދިވެހި ލީގާއި ކަޕް ވިނާސް ކަޕްގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދުގެ ދައުރުގައި، ގައުމީ ޓީމުގެ ޑިރެކްޓަރުގެ މަގާމު އަދާކުރުމަށްފަހު 2014 ވަނަ އެނބުރި ކޯޗިންގް ތެރެއަށް އައިސް ސުޒޭން އެންމެ ފުރަތަމަ އިރުޝާދު ދިނީ މާޒިޔާ އަށެވެ. މާޒިޔާ އަށް ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދިނުމަށްފަހު ގްރީން އަށް ބަދަލު ވުމުގެ ކުރިން ސުޒޭން ވަނީ ވިކްޓްރީ އާއި ގދ. ތިނަދޫ ޓީމުގައި ވެސް މަސަތްކަތްކޮށްފައެވެ.
ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ގައުމީ ޓީމުގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
އަނެއްކޮޅުން އިންމައަކީ 2006 ވަނަ އަހަރު މާޒިޔާ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރި ޓީމުގެ ކޯޗެވެ. އެ ކްލަބު ރަނގަޅު، ސްޓޭބަލް ގޮތެއްގައި ފުރަތަމަ ޑިވިޝަނަށް ފައްކާ ކުރުމަށް އިންމަ މުހިއްމު ދައުރެއް އަދާކޮށްފައި ވާއިރު، 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އިންމަ ވަނީ މާޒިޔާއާއެކު ހޯދައިފައެވެ. ފަހުން އިންމަ ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކަކު މަސައްކަތްކޮށްފަ އެވެ.
މިހާތަނަށް ރާއްޖޭގައި ދެ ދިވެހި ކޯޗުން ވަނީ އެފްއޭއެމްގެ އެހީތެރިކަމާ އެކު މި ލައިސެންސް ފުރިހަމަކޮށްފަ އެވެ، އެއީ އެންމެ ފުރަތަމަ މި ލައިސަންސް ނެގި މިހާރު ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުވެ ހުރި މުހައްމަދު ޝާޒްލީ (ޝާޒް) އާއި ދާދި ފަހުން މި ކޯސް ފުރިހަމަކުރި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.