"ފިޗް ރޭޓިންގްސް" އަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީ އެވެ. ފިޗުން އެންމެ ފުރަތަމަ ރާއްޖެއަށް ކްރެޑިޓް ރޭޓިން އެއް ދިނީ 2016 ވަނަ އަހަރު އެވެ.

ކްރެޑިޓް ރޭޓިން އަކީ އިންވެސްޓަރުންނަށް އެމީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާ ކުރެވޭ އިންޑިކޭޓާ އެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިން އެއް މުހިއްމުވަނީ މި ސަބަބާހުރެ އެވެ.

މީގެ ކުރިން ފިޗް ރޭޓިންގްސް ގައި ރާއްޖެއަށް "ބީ ޕްލަސް" ވެސް ލިބިފައި އެބަހުއްޓެވެ. އެއީ ހިތް ހަމަ ޖައްސާލެވޭ ވަރުގެ ރޭޓިންއެކެވެ. ކޮވިޑަށް ފަހު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ރޭޓިން "ބީ މައިނަސް" އަށް ދިޔަ އެވެ. އެކަމަކު ފިޗުން ވަނީ އެ ރޭޓިން މިދިޔަ ހަފްތާ މުރާޖައާކޮށް ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ. މިކަމުން ބުނެދެނީ އިގްތިސާދީ ކޮން ބޮޑު ވާހަކައެއް ހެއްޔެވެ؟

ކްރެޑިޓް ރޭޓިން ސީސީސީ އަށް ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގްތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. ދަރަނި ނުދެއްކި ސޮވަރިން ޓީފޯލްޓަށް ދާ ގައުމުތަކަށް ވެސް މި ރޭޓިން ފިޗުން ދީފައިވެ އެވެ. ރާއްޖޭގެ ދަރަނީގެ ހާލަތު އެހާ ނާޒުކު ހެއްޔެވެ؟

ދާދި ފަހުން މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަރަނިތަކުގެ ހާލަތާ ގުޅޭ ރިޕޯޓުން ދައްކާ ގޮތުން ދައުލަތުގެ ޖުމްލަ ދަރަނި 172 ބިލިއަނަށް ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި ޓީބިލާއި ބޮންޑުގެ އިތުރުން ގައުމުތަކުން ނަގާފައިވާ ދަރަންޏާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ޖަމްއިއްޔާ ތަކުން ނަގާފައިވާ ދަރަނި އަދި ސަރުކާރުން ގެރެންޓީދީގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ދަރަނި ވެސް ހިމެނެ އެވެ.

ދަރަނި ދެއްކޭ ވަރަށް ބޭރު ފައިސާ ނުލިބޭ

ޔަގީންވާ ކަމަކީ ދަރަނި އަދާކުރަން ޖެހެނީ ބޭރު ފައިސާއިން ކަމެވެ. އެހެން ވީމާ، ދަރަނި އަދާކުރެވޭނީ ބޭރު ފައިސާ ހުރެގެންނެވެ. ކޮވިޑް 19 އާއެކު ރާއްޖެ އަށް ބޭރު ފައިސާ ވަންނަ މައި ދޮރު، ޓޫރިޒަމަށް ވަނީ ބޮޑު އަސަރެއް ކޮށްފަ އެވެ. މާޗު 27 އިން ޖުލައި 15 އަށް ޓޫރިޒަމް އެއްކޮށްހެން ހުއްޓިފައި އޮތްއިރު ބޭރު ފައިސާ އިން އެއްވެސް އާމްދަނީއެއް ރާއްޖެއަށް ނުލިބެ އެވެ. ޓޫރިޒަމް އަލުން ފެށިގެން ކުރިއަށް ދިޔަ ނަމަވެސް، މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތް ހުރި މިންވަރަށް ދާން އަދި ޒަމާން ގަނޑެއް ނަގާނެ އެވެ.

ފިޗުން ރާއްޖެއަށް ސީސީސީ ގެ ރޭޓިންއެއް ދޭން މަޖުބޫރުވީ އެ އެޖެންސީއިން ބުނާ ގޮތުގައި ޓޫރިޒަމް ދާއިރާ ހަމައަކަށް ނޭޅެނީސް ރާއްޖެއަށް އޮތް ބޭރުފައިސާގެ ދަތިކަން ހައްލުވާނެ އެހެން މަގެއް ފެންނަން ނެތުމެވެ. މިކަމަށް ހައްލު ލިބެން އޮތީ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް މާލީ އެހީތައް ރާއްޖެއަށް ލިބިގެން ކަމަށެވެ. އެހެންވެ، ދަރަނިތައް އަދާކުރުމުގައި ރާއްޖެއަށް ގޮންޖެހުން ބޮޑުވެ، ނުރައްކާ ދަރަޖައިގައި އޮތް ކަމަށް ފިޗުން ދެކެ އެވެ.

ފިޗުގެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުން އަންނަ އަހަރުވެސް ރާއްޖޭގެ ޓޫރިޒަމަށް އެދެވޭ ކުރިއެރުމެއް އަންނާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. ކޮވިޑުގެ ކުރިން ރާއްޖެއަށް ޓޫރިސްޓުންއައި މިންވަރަށް އަންނަން ފަށާނީ 2022 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ލަފާކުރެވޭ ކަމަށް ފިޗުން ބުނެފައިވެ އެވެ.

އިގްތިސާދީ ދުވެލި ކުރި ނާރާ

ފިޗުގެ އަނެއް ކަންބޮޑުވުމަކީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިސާދު ކުރިން ލަފާކުރި ވަރަށް ވުރެވެސް ދަށަށް ދިޔުމެވެ. އެ އެޖެންސީއިން ބުނަނީ ދުނިޔޭގެ ނިސްބަތުންވެސް އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓް ދަށަށް ދާނެ ކަމަށް ފިޗުން ލަފާކުރެ އެވެ. އަދި އެއާ އެކު، ދައުލަތުގެ ދަރަނި އުފެއްދުންތެރި ކަމުގެ ނިސްބަތުން ޖީޑީޕީގެ 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ. އިގްތިސާދީ މިންގަނޑަކުން ބަލާއިރު ގައުމެއްގެ ދަރަނި އުފެއްދުންތެރިކަމުގެ 50 ޕަސެންޓަށް ވުރެ މައްޗަށް ދިޔުމަކީ ރަތް ރޮގު ހުރަސްކުރުމެކެވެ. އަދި ފިޗުން ބުނީ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މަޝްރޫއުތައް ހިންގާތީ ކަންބޮޑުވުން

އިންފްރާސްޓްރަކްޗާގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ލޯނު ނަގާފައިވާކަން ފިޗުން ފާހަގަކުރި އެވެ. އަދި ލޯނު ފައިސާ ހަމަޖެހިފައިވާ ބައެއް ބޮޑެތި މަޝްރޫއުތައް ފަށަން ތައްޔާރުވެފައިވާކަން ފިޗުން ފާހަގަކޮށްފައިވެ އެވެ. މިސާލަކަށް މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ އޭގެ މިސާލެކެވެ. މީގެ ކުރިން ވޯލްޑު ބޭންކާއި އައިއެމްއެފުން ވެސް ވަނީ ލޯނު ނަގައިގެން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މި ވަގުތަށް މަޑުޖައްސާލުމަށް ލަފާދީފަ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެކެވަޑައިގަންނަވަނީ މި ވަގުތު މަޝްރޫއުތައް ނުހިންގާ އިގްތިސާދު ކޮޅަށް ނުޖެހޭނެ ކަމަށެވެ.

ފިޗުން ބުނަނީ މީގެ ކުރިން ސަރުކާރުން މަޝްރޫއުތައް ހިންގަން ދަރަނި ނަގާފައިއޮތުމަކީ ސަރުކާރުގެ އަދި ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދު އިތުރުވި ސަބަބުކަމަށް ވުމުން މިހާރުވެސް އެ ދަރަނި ހުރި ގޮތަށް ހުއްޓާ އިތުރު ދަރަނި ނަގާ ނަމަ އޭގެ ނުރައްކާތަށް ހުންނާނެ ކަމަށެވެ.

ސަރުކާރުން ގެރެންޓީ ދީފައިވާ ގިނަ ލޯނުތަކަކީ ހައުސިން މަޝްރޫއުތަކަށް ނަގާފައިވާ ލޯނެވެ. މިދިޔަ ވެރިކަމުގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ގިނަ ހައުސިން މަޝްރޫއުތަކަކީ ސަރުކާރުން ލޯނު ނަގައިގެން އަދި ގެރެންޓީ ދީގެން ދަރަނި ނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކެކެވެ. އެ މަޝްރޫއުތަކަކީ އާމްދަނީއެއް އަދި ލިބޭ މަޝްރޫއުތަކަކަށް ނުވުމުން ދަރަނި ދެއްކުމަށް ސަރުކާރުން ޖާމިނުން ވާން ވަނީ ޖެހިފަ އެވެ.

މީގެ ކުރިން ފިޗުން އަންދާޒާކޮށްފައިވާ ގޮތުން ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 31 ޕަސެންޓް ބޮޑުވާނެ އެވެ.

ރޭޓިން އަދިވެސް ދަށްވުމުގެ އިންޒާރު

ސަރުކާރުން ނަގާ ލޯނު އިތުރުވެ، ދަރަނި މެނޭޖު ނުކުރެވޭ ހާލަތަށް ގޮސްފިނަމަ، ރާއްޖޭގެ ކްރެޑިޓް ރޭޓިން އިތުރަށް ދަށްވާނެ ކަމަށް ފިޗުން ފާހަގަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 17 ލޯނެއް ސަރުކާރުން ވަނީ ނަގައިފަ އެވެ.

ނަމަވެސް ޓޫރިޒަމަށް ކުރިއެރުން އައިސް ބޭރުފައިސާ ލިބޭ މިންވަރު އިތުރުވެ، ލަފާކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ޖީޑީޕީ އަށް އޭގެ ހެޔޮ އަސަރު ކުރަން ފަށައިފި ނަމަ، ރާއްޖެއަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށާއި މިއީ ކްރެޑިޓް ރޭންކިން ޕޮޒިޓިވް ނުވަތަ އަޕްގްރޭޑްވާނެ ކަމެއް ކަމަށް ފިޗުން ފާހަގަކުރެ އެވެ.

ކްރެޑިޓް ރޭންކިން ދަށްވުމަކީ މިވަގުތު ރާއްޖެއަށް އިންވެސްޓަރުންގެ އާ ބަސް ހޯދުމަށް ދަތިވާނެ ކަމެކެވެ. ރާއްޖޭގައި ކުރާ އިންވެސްޓުމެންޓުތަކުގެ ރިޓާން ލިބުމުގެ އެއްވެސް ގެރެންޓީއެއް އިންވެސްޓަރުންނަށް މިހާލަތުގައި ނޯންނާނެ އެވެ.

ފިނޭންސް މިނިސްޓްރީ އިން ދޭ އެއް ޔަގީންކަމަކީ ރާއްޖޭ ދަރަނި ނުދެއްކޭ ހާލަތަކަށް ނުދާނެ ކަމުގެ ޔަގީންކަމެވެ. މީގެ ކުރިންވެސް އެފަދަ ހާލަތެއް އައިސްފައި ނުވާނެ ކަމަށާއި އަދިވެސް އެކަން އެގޮތުގައި ދެމެހެއްޓޭނެ ކަމަށް ޔަގީން ކުރާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ފިޗުގެ ރޭޓިން އާއި ގުޅިގެން އެ މިނިސްޓްރީ އިން އިއްޔެ ބުނީ ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ވަގުތުން ދައްކަމުންދާ ކަމަށެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް މަޑުޖެހުނު ނަމަވެސް ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައިވާ ކަމަށާއި ކޮވިޑުގެ ކުރިން ފަތުރުވެރިން އައި މިންވަރަށް އަދި ފަތުރުވެރިން ނައި ނަމަވެސް، މަހުން މަހަށް ބަލާއިރު ފަތުރުވެރިކަން ރަނގަޅުވަމުންދާ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.

"ޖުލައިމަހު 2000 ފަތުރުވެރިން އައިއިރު އޮކްޓޯބަރު މަހު މި އަދަދު ވަނީ 21،000 އަށް އިތުރު ވެފައި. އިތުރު ފްލައިޓުތައް ރާއްޖެއަށް އަންނަން ފަށާފައިވާއިރު ސަރުކާރުގެ މަސައްކަތުން ރާއްޖެއަށް އެންމެ މުހިއްމު ފަތުރުވެރިކަމުގެ މަންޒިލުތަކުން ރާއްޖެ އައުމަށް މިހާރު ވަނީ ލުއިތަކެއް ދީފައި،" ފިނޭންސް އިން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.

ފިނޭންސް އިން ބުނީ ޕީކް ސީޒަނާ ދިމާކޮށް ފަތުތުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަންނަ އަހަރުވެސް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓު ބޮޑުވާނެ ކަމަށާއި ޓޫރިޒަމް ޕްރޮމޯޓުކޮށް ރިސޯޓުތަކާއި ދާއިރާ އާއި ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފިނޭންސް އިން ވަނީ ފިޗްގެ ރޭޓިން އާއި ގުޅިގެން ރާއްޖޭގެ ހާލަތު އިންވެސްޓަރުންނަށް ބަޔާންކޮށްދިނުމަށް އިންވެސްޓާ ކޯލް އެއް ބާއްވަންވެސް ނިންމައިފަ އެވެ.