ވޮޝިންޓަން (ނޮވެމްބަރު 7): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ 300އަށް ވުރެ ގިނަ އިލެކްޓޯރަލް ކޮލެޖު ވޯޓާ އެކު ކަަމަށް ޑިމޮޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން މިއަދު ދެއްވި ތަގުރީރެއްގައި ވިދާޅުވި ގޮތުގައި އިންތިހާބު ކާމިޔާބު ކުރާނީ ކޮން ކެންޑިޑޭޓެއްކަން މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ސާފުވެ އެވެ. އަދި މިހާރު ޖޯޖިއާ އާއި ޕެންސިލްވޭނިއާ އާއި އެރިޒޯނާ އާއި ނެވާޑާގައި ކުރީގައި އުޅުއްވަނީ އޭނާކަން ފާހަގަ ކުރައްވާ، އެ ސްޓޭޓުތައް ކާމިޔާބު ކުރައްވައިގެން ޖުމްލަ 300 އަށް ވުރެ ގިނަ އިލެކްޓޯރަލް ކޮލެޖު ވޯޓު ހޯއްދަވާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

"މި ރޭސް ކާމިޔާބު ކުރާނީ އަޅުގަނޑުމެން. އިއްޔެ ވީގޮތެއް ބައްލަވާ. މީގެ 24 ގަޑި އިރު ކުރިން ޖޯޖިއާގައި އަޅުގަނޑުމެން [ވޯޓުން] ފަހަތުގައި އުޅުނު ނަމަވެސް މިހާރު އަޅުގަނޑުމެން ތިބީ ކުރީގައި އަދި އެ ސްޓޭޓް ކާމިޔާބު ކުރާނީ އަޅުގަނޑުމެން. މީގެ 24 ގަޑި އިރު ކުރިން އަޅުގަނޑުމެން ޕެންސިލްވޭނިއާގެ ވޯޓުން ފަހަތުގައި އުޅުނު ނަމަވެސް މިހާރު އަޅުގަނޑުމެން އުޅެނީ ކުރީގައި. އަދި އެރިޒޯނާ އާއި ނެވާޑާ ވެސް ކާމިޔާބު ކުރާނީ އަޅުގަނޑުމެން... އަޅުގަނޑުމެން މިތިބީ 300 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރުމުގެ މަގުމަތީގައި. އަޅުގަނޑުމެން ރޭސް ކާމިޔާބު ކުރާނީ ސާފު އަގުލަބިއްޔަތަކުން،" ބައިޑެން ވިދާޅުވި އެވެ.

ސީއެންއެންއިން ރިޕޯޓު ކުރާ ގޮތުގައި ބައިޑެންއަށް މިހާތަނަށް 253 އިލެކްޓޯރަލް ވޯޓު ވަނީ ލިބިފަ އެވެ. އަދި ޖޯޖިއާ، ޕެންސިލްވޭނިއާ، އެރިޒޯނާ އަދި ނެވާޑާ ވެސް އޭނާއަށް ލިބިއްޖެ ނަމަ ޖުމްލަ ވޯޓުގެ އަދަދު 306 އަށް އަރާނެ އެވެ.

ބްލޫމްބާގާއި އަދި ބައެއް ނެޓް ވޯކްތަކުން ބުނާ ގޮތުގައި ބައިޑިން އަށް މިހާތަނަށް 264 އިލެކްޓޯރަލް ވޯޓު ވަނީ ލިބިފަ އެވެ.

ބައިޑެން އެ ތަގުރީރު ދެއްވީ އެމެރިކާއިން އިއްޔެ 125،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. އެއީ އެއް ދުވަސް ތެރޭ އެހާވަރަށް ގިނަ މީހުންނަށް ބަލި ޖެހުނު ފުރަތަމަ ފަހަރެވެ. އަދި އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 236،000 އަށް ވުރެ އިތުރުވެފަ އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ރައީސްކަމަށް އިސްވުމުން އޭނާ އާއި ރަނިން މޭޓު ކަމަލާ ހެރިސް އިސްކަން ދެއްވާނެ ކަންތައްތަކުގެ ތެރޭގައި ކޮރޯނާވައިރަސް ބަލިމަޑުކަމާއި އިގުތިސާދާއި މޫސުމަށް އަންނަ ބަދަލުތަކާއި ސިސްޓެމިކް ރޭސިޒަމް ހިމެނެ އެވެ. އަދި އޭނާގެ ތަގުރީރު ނިންމަވާލެއްވީ ޑިމޮކްރެޓިކް ސިސްޓަމަށް އިތުބާރުކޮށް، ކެތްތެރިވުމަށް އެދިވަޑައިގަންނަވަމުންނެވެ.

"އަޅުގަނޑުމެން މިސާބިތުކޮށްދެނީ 244 އަހަރު ކުރިންވެސް ސާބިތުކޮށްދިން ކަންތައް. އެއީ ޑިމޮކްރެސީ މަސައްކަތް ކުރާކަން. އެންމެންގެ ވޯޓުވެސް ގުނާނެ. އެކަން ހުއްޓުވަން ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް،" ބައިޑެން ވިދާޅުވި އެވެ.

ބައިޑެން އެފަދައިން ވިދާޅުވީ، ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވޯޓު ގުނުން ހުއްޓާލަން ތަކުރާރުކޮށް ގޮވާލެއްވި ފަހުންނެވެ. އަދި އިންތިހާބުގައި މަކަރު ހަދާ ކަމަށް ތުހުމަތު ކުރެއްވި ފަހުންނެވެ.

ޓްރަމްޕަށް މިހާތަނަށް ލިބިފައި ވަނީ 214 ވޯޓެވެ.