07 Nov 2020, 08:31
ވޮޝިންޓަން (ނޮވެމްބަރު 7): ކޮވިޑް-19އަށް ފަރުވާ ކުރަން ބޭނުން ކުރެވިދާނެ ބޭސްތައް ދިރާސާ ކުރާ އިނގިރޭސިވިލާތުގެ ސައިންސުވެރިންތަކެއް އެ ދިރާސާގައި އެސްޕިރިން ބޭނުން ކުރަން ނިންމައިފި އެވެ.
ރިކަވަރީ ޓްރަޔަލްގެ ނަން ދީފައިވާ އެ ދިރާސާތަކާ ބެހޭ ވެބްސައިޓުގައިވާ ގޮތުން ކޮވިޑް-19 ޖެހޭ މީހުންގެ ލޭ ގަނޑުވުމުގެ ނުރައްކާ އިތުރުވެ އެވެ. އަދި އެސްޕިރިން އަކީ ލޭ ގަނޑުވުމުން ދުރުކޮށްދޭ ބޭހެއް ކަމުން އެއީ ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެ ބޭހެކެވެ.
"އެސްޕިރިން ބޭނުން ކުރުމުން ފައިދާ ވާނެ ކަމަށް ދެކެންވީ ސަބަބުތަކެއް އެބަ ހުރި. އެއީ ރައްކާތެރި، އަގުހެޔޮ އަދި އާއްމު ގޮތެއްގައި ލިބެން ހުންނަ ބޭހެއް،" ރިކަވަރީ ޓްރަޔަލްގެ ކޯ-ޗީފް އިންވެސްޓިގޭޓާ، ޕީޓާ ހޯބީ ވިދާޅުވި އެވެ.
އެ ޓްރަޔަލްގެ ވެބްސައިޓުގައިވާ ގޮތުން ދިރާސާ ކުރިއަށްގެންދާ އިރު، މިހާރު އާއްމުކޮށް ކޮވިޑަށް ދޭ ފަރުވާއާ އެކު 150 މިލިގްރާމްގެ އެސްޕިރިން 2،000 ބަލި މީހުންނަށް ދޭނެ އެވެ. އަދި އިތުރު 2،000 މީހުންނަށް އެސްޕިރިންއާ ނުލައި، އާއްމުކޮށް ކޮވިޑަށްދޭ ފަރުވާ ދޭނެ އެވެ. އެއަށް ފަހު އެ ދެ ގުރޫޕުގެ ނަތީޖާ އަޅާ ކިޔާނެ އެވެ.
ރިކަވަރީ ޓްރަޔަލްގެ ވެބްސައިޓުގައިވާ ގޮތުން ކޮވިޑް ބަލިން ފަސޭހާ ވުމަށް އެސްޕިރިންގެ ބޭނުންތެރި ކަމާ ބެހޭ ގޮތުން ގޮތެއް ނިންމަން އަދި މަސްތަކެއް ނަގާފާނެ އެވެ.
ކޮވިޑް-19އަށް ރަނގަޅު ފަރުވާއެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ހައިޑްރޮކްސިކްލޮރޮކުއިން ބޭހަކީ އެ ބަލި ޖެހޭ މީހުންނަށް ފައިދާވާ ބޭހެއް ނޫންކަން ރިކަވަރީ ޓްރަޔަލްއިން ވަނީ މީގެ ކުރިން ދައްކާފަ އެވެ. އަދި ކޮވިޑް-19 ޖެހި ހާލުބޮޑުވާ މީހުންގެ ފުރާނަ ސަލާމަތް ކުރަން ސްޓެރޮއިޑެއް ކަމަށްވާ ޑެކްސަމެތަސޯން ބޭނުން ކުރެވިދާނެކަން އެ ޓްރަޔަލްއިން ވަނީ އެނގިފަ އެވެ.