21 Jan 2012, 00:33
ފުލުހުން ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ނާއިބް ރައީސް ޑރ. މައުރޫފް ހުސެއިން މިނިވަންކުރުމަށް ގާނޫނީ ގޮތުން ކުރެވެންހުރި މަސައްކަތްތައް ކުރަމުންގެންދާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުޕާޓީގެ ސްޕޯކްސް ޕާސަން މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވާ މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އެ ޕާޓީގެ ރައީސް އިމްރާނާއި ނާއިބް ރައީސް މައުރޫފް ހައްޔަރުކޮށްފައި ވަނީ ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމުން ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެޕާޓީން ދެކޭގޮތުގައި އެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށެވެ.
ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އެއްވާބަޔަކު ހައްޔަރުކޮށް ބަންދުކުރުމަކީ ގަބޫލުކުރެވޭނެ ކަމަކަށް ނުވާތީ އެބޭފުޅުން މިނިވަން ކުރުމަށްޓަކައި ގާނޫނީގޮތުން ކުރެވެންހުރި މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށް ވެސް އެޕާޓީގެ ބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީން ބުނީ އެޕާޓީގެ ގާނޫނީ ޓީމުން މިއަދު ދޫނިދޫއަށްގޮސް އެ ބޭފުޅުންނާއި ބައްދަލުކޮށް ކަންހިނގައިދިޔަގޮތް ވަރަށް ކައިރިން ބަލާފައިވެސް ވާނެކަމަށެވެ. އަދި ބުނެފައި ވަނީ ދޫނިދޫގައި އެބޭފުޅުން ތިއްބެވީ ހެޔޮ ހާލުގައި ކަމަށާއި އެބޭފުޅުންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.