ވޭތުވެދިޔަ 24 ގަޑި އިރު ނެގި 1،473 ސާމްޕަލް އިން ކޮވިޑް19އަށް 39 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 32 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކި 71 އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 20 ދިވެހިންނާއި 19 ބިދޭސީން އެވެ. މާލެ ސަރަހައްދުން 32 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ ހަތް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،932 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 31 އެވެ. ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 11،041 އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 845 އެވެ. އޭގެ ތެރެއިން 54 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 212 މީހުންނެވެ.

މިހާތަނަށް އެޗްޕީއޭ އިން ކޮވިޑަށް 127،900 އަށްވުރެ ގިނަ ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ. މިއަދު ޓެސްޓު ކުރި އަދަދަކީ، 1،292 އެވެ.

މިއަދު ކޮވިޑް ޖެހިގެން އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 39 އަކަށް އަރާފައެވެ.