އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރިކަން އުފެދުނު ސްޓޭޓްތަކުން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކުރި ހޯއްދަވައިފިއެވެ.

އެގޮތުން އެންމެ ވާދަވެރިކަން އުފެދުނު ޕެންސެލްވޭނިއާ، ޖޯޖިއާއިންް ބައިޑަން ވަނީ މިއަދު ކުރި ހޯއްދަވައިފައެވެ. މީގެ ކުރިން އެ ދެ ސްޓޭޓްގެ ލީޑް އޮތީ އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެއެވެ.

މީގެ ކުރިން ބޮޑުތަފާތަކުން ޕެންސެލްވޭނިއާ ސްޓޭޓް ލީޑް ނަންގަވައިފައި އޮންނެވީ ޓްރަމްޕްއެވެ. ޕެންސެލްވޭނިއާގައި 20 އިލެކްޓޯރަލް ވޯޓު ހިމެެނެއެވެ. އަދި ޖޯޖިއާގައި 16 އިލެކްޓޯރަލް ވޯޓު ހިމެނެއެވެ.

ޕެންސެލްވޭނިއާ އަދި ޖޯޖިއާއިން ބައިޑެން ކުރި ހޯއްދެވިއިރު ބައިޑެން ވަނީ މިޝިގިން އަދި ވިސްކޮންސިން ސްޓޭޓްވެސް ކާމިޔާބްކުރައްވައިފައެވެ. ނެވާޑާ ސްޓޭޓްވެސް ލީޑް ކުރައްވަމުން ދަނީ ބައިޑެންއެވެ.

އެލެސްކާ އަދި ނޯތު ކެރޮލައިނާ ސްޓޭޓް އަދިވެސް ލީޑް ކުރައްވަމުން ގެންދަވަނީ ޓްރަމްޕްއެވެ.

މިހާތަނަށް ބައިޑެންއަށް 264 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާއިރު ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ. އިންތިހާބް ކާމިޔާބު ކުރަން މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ބޭނުންވެއެވެ. ބައިޑެން މިހާރު ކުރި ހޯއްދަވާފައިވާ ސްޓޭޓްތަކުގެ ތެރެއިން އެންމެ ސްޓޭޓެއް ކާމިޔާބު ކުރި ނަމަވެސް އޭނާއަށް އެމެރިކާގެ ރައީސްކަން ޔަގީން ވާނެ އެވެ.

ބައިޑެން ސްޓޭޓަކަށް ފަހު ސްޓޭޓެއްގެ ލީޑް ނަގަމުންދާއިރު ޓްރަމްޕް ވިދާޅުވަމުންދަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަަމަށެވެ. އަދި ވޯޓު އޮޅުވާލައިފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.