06 Nov 2020, 20:38
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އަންނަ އާދިއްތަ ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކެޓްރީ އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގައި މަޑުކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އެ ދަތުރުފުޅުގައި ފޮރިން ސެކެޓްރީ ރައީސް ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ބައްދަލުކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ އެމަނިކުފާނު 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.
ފޮރިން ސެކެޓްރީ ރާއްޖެއަށް ދަތުރުކުރައްވާ މި ދަނޑިވަޅަކީ އިންޑިއާގެ އެހީގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ވެސް ފަށާފައިވާ ދަނޑިވަޅެކެވެ.
އެގޮތުން މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި މި މަހު ވަނީ ސޮއިކޮށްފައެވެ.