06 Nov 2020, 16:25
ވޮޝިންޓަން (ނޮވެމްބަރު 6):އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ އެންމެ ފަހުގެ މަރުހަލާގެ ވޯޓުތަކުގެ ލީޑުހުރީ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަންއަށްކަން ހާމަވަމުންދާތީ ވޯޓުން އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން މިހާރު ހުދު ޓްރަމްޕްވެސް ގަބޫލު ކުރައްވާކަމަށް އޭނާގެ އަރިސް ފަރާތްތަކާ ހަވާލާދީ ރިޕޯޓްތަށް ބުނެފި އެވެ.
ޓްރަމްޕް އުޅުއްވަނީ ރަނގަޅަށް އަވަހާރަފުޅު ލެއްޕެވުމެއްނެތި ހާސްކަމުގައި
ނަން ހާމަނުކުރައްވާ ޓްރަމްޕްގެ ވަރަށް އަރިސް ބޭފުޅަކާ ހަވާލާދީ އެމެރިކާގެ ހަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން އިންތިހާބުގެ ނަތީޖާތައް ބެއްލެވުމުގައި، ޓްރަމްޕް އުޅުއްވަނީ އަވަހާރަފުޅު ވެސް ލެއްޕެވުމެއްނެތި، ފަރީއްކޮޅުތަކަށްވެސް ރަނގަނޅަށް އިންސާފު ނުކުރައްވައި ވަރަށް ހާސްކަން މަތީގަ އެވެ. މިކަމުގެ ސަބަބުން ޓްރަމްޕް މިވަގުތު ހުންނެވީ ވަރަށް ބޮޑަށް ވަރުބަލިފުޅުވެފައި ކަމަށާއި ޓްރަމްޕްގެ ނަފްސާނީ ހާލަތާއި ހާސްވުމުގެ ސަބަބުން ލޭގެ ޕްރެޝަރަށް އަންނަމުންދާ ބަދަލުތަށް ވައިޓް ހައުސްގެ ރަސްމީ ފިޒިޝަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށްވެސް ނަންހާމަކުރަން ނޭދޭ މި މަސްދަރާ ހަވާލާދީ އެމެރިކާގެ ހަބަރުފަތުރާ ވަސީލަތްތަކުންވަނީ ހާމަކޮށްފަ އެވެ.
ހާސްކަމުގައި އުޅުއްވާ ޓްރަމްޕް އޭނާގެ ޓީމަށްވެސް ފާޑުވިދާޅުވަނީ
ހާސްކަމުގައި އުޅުއްވާ ޓްރަމްޕް ދާދިފަހުންވަނީ އޭނާގެ ކެމްޕޭން ޓީމާއި ގާނޫނީ ޓީމުން ގާނޫނީ ސްޓްރެޓެޖީތަށް ބައްޓަންކޮށްފައިވާ ގޮތާމެދުވެސް ސުވާލު އުފައްދަވައި ރިޔާސި އިންތިހާބުގެ ވޯޓުލާން ފެށުމުގެ ކުރިން، އިންތިހާބާ ބެހޭ ގާނޫނާއި ގަވައިދުތަކުގައި ހުއްދަކުރާ، ޕޯސްޓުން ވޯޓުލުން ފަދަ މައްސަލަތަކަށް ގާނޫނީގޮތުން ގޮންޖަހާފައިނުވާ މައްސަލާގައި ކޯފާވެގެން ސުވާލުކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވާގޮތުން ޕޯސްޓް މެދުވެރިކޮށް ލާފައިވާ ވޯޓުތަކަކީ މަކަރާއި އޮޅުވާލުމުގެ ވޯޓުތަކެކެވެ. ނަމަވެސް ޕޯސްޓުން ވޯޓުލުމަކީ އެމެރިކާގެ އިންތިހާބާބެހޭ ގާނޫނުތަކާއި ގަވައިދުތަށް ހުއްދަކުރާ ކަމެކެވެ. ޓްރަމްޕް ދެކޭގޮތުގައި ސައްހަވޯޓަކީ ޕޯލިން ސްޓޭޝަންތަކަށްގޮސް އިލެކްޓްރޯނިކްކޮށް ލާފައިވާ ވޯޓުތަކެވެ. ޕޯސްޓް މެދުވެރިކޮށް ލާފައިވާ ވޯޓުތަށް ގުނުން ހުއްޓުވުމަށް ޓްރަމްޕްގެ ކޭންޕޭނުން ކޯޓުގައި އެދުމުން ދިޔަ ނަމަވެސް ކޯޓުންވަނީ ކަމަށް އެދެކޮޅު ހަދާފަ އެވެ.
ޓްރަމްޕަށް ތާއީދުކުރާ ގިނަ މީހުން ވޯޓުލީ އިލެކްޓްރޯނިކްކޮށް
ޓްރަމްޕަށް ތާއީދުކުރާ މީހުންގެ ތެރެއިން ގިނަމީހުން ވޯޓުލާފައިވަނީ ޕޯލިން ސްޓޭޝަންތަކަށްގޮސް އިލެކްޓްރޯނިކްކޮށެވެ. އެއީ އޭނާ އެކަމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. އާލީ ވޯޓިންގައި 101.1 މިލިއަން މީހުން ވޯޓުލާފައިވާއިރު އޭގެތެރެއިން 65.2 މިލިއަން މީހުން ވޯޓުލާފައިވަނީ ޕޯސްޓު މެދުވެރިކޮށެވެ. މިއީ ޕޯސްޓް މެދުވެރިކޮށް އެމެރިކާގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލީ ފުރަތަމަ އިންތިހާބު ކަމަށްވެ އެވެ.
ބައިޑަންއަށް ތާއީދުކުރާ ގިނަ މީހުން ވޯޓުލީ ޕޯސްޓު މެދުވެރިކޮށް
ޕޯސްޓު މެދުވެރިކޮށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ ބައިޑަންއަށް ތާއީދުކުރާ މީހުންކަމަށް މައުލޫމާތު ލިބެ އެވެ. އާލީ ވޯޓިންގައި ލާފައިވާ ވޯޓު ގުނަނީ ފަހުންނެވެ. އެންމެ ފުރަތަމަ ގުނީ އިންތިހާބީ ދުވަސްކަމަށްވާ ނޮވެމްބަރު 3 ވަނަ ދުވަހު ލީވޯޓުތަކެވެ. އެންމެ ވާދަވެރި ސްޓޭޓްތަކުގައި އެ ވޯޓުތަކުގެ ކުރީގައި އުޅުއްވީ ޓްރަމްޕް އެވެ. މިހާރު ގުނާ ވޯޓުތަކުގެ ތެރޭގައި ގިނައީ ޕޯސްޓް މެދުވެރިކޮށް ލާފައިވާ ވޯޓުތަށް ކަމަށްވެފައި އޭގައި ގިނައީ ބައިޑަންއަށް ތާއީދުކުރާ މީހުންގެ ވޯޓުތަށްކަމުން މިވޯޓުތަކުން ޓްރަމްޕަށް އިތުރު ކުރިއެރުމެއް ނުލިބޭނެކަމާއި ކުރިއެރުން ލިބެނީ ބައިޑަންއަށްކަން ގުނަމުންދާ ވޯޓުތަކުގެ ލީޑުންދަނީ ވަރަށް ބޮޑަށް ސާފުވަމުންނެވެ.
މައްސަލަ ސްޕްރީމް ކޯޓަށް ވެއްދިނަމަވެސް ޓްރަމްޕަށް ކާމިޔާބުލިބުން ދުރު
މައުލޫމާތުލިބޭ ގޮތުގައި، ޓްރަމްޕް މިހާރު ނިންމަވާފައިވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވައި ނަތީޖާގެ މައްސަލަ އެމެރިކާގެ ސްޕްރީމް ކޯޓަށް ވެއްދުމަށެވެ. އެކަމަށް ބޮޑު ހަރަދެއް ކުރަންޖެހޭނެތީ ޓްރަމްޕްގެ ކޭންޕޭނުން ވަނީ ސަޕޯޓަރުންގެ އަތުން ޗަންދާ ވެސް ނަގަން ފަށާފަ އެވެ. ނަމަވެސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ތަޖްރިބާކާރުން ދެކޭގޮތުގައި ވެސް އެކަށޭނަ ހުއްޖަތެއްނެތި މައްސަލަ ސްޕްރީމް ކޯޓަށް ގެންދިޔުމަކީ ކާމިޔާބު ލިބުން ދުރުކަމެކެވެ. ވޯޓު އޮޅުވާލި ކަމަށްބުނެ ޓްރަމްޕަށް އަދި ދެއްކެން އޮތް ހުއްޖަތަކީ ޕޯސްޓު މެދުވެރިކޮށް ވޯޓުލީ މައްސަލަ އެވެ. މިއީ ޓްރަމްޕް ގަބޫލު ނުކުރެއްވި ނަމަވެސް އެމެރިކާގެ އިންތިހާބާބެހޭ ގާނޫނާއި ގަވައިދުތަކުގައި ހުއްދަކަމެކެވެ. (އެމެރިކާގެ މީޑިއާ)