ވޮޝިންޓަން (ނޮވެމްބަރު 6) : އެމެރިކާގެ ރިޔާސީ އިންތިހާބާއެކު ކުރިޔަށް ގެންދިޔަ ކޮންގްރެސްގެ އިންތިހާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ މެންބަރުކަމަށް މަރުވެފައިވާ މީހެއްކަމަށްވާ ޑޭވިޑް އެންޑާލް އިންތިހާބު ވެއްޖެ އެވެ.

އުމުރުން 55 އަހަރުގައި މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު މަރުވި ޑޭވިޑް އެންޑާލް ކާމިޔާބުކޮށްފައި ވަނީ އެމެރިކާގެ ހުޅަނގު ބިތުގެ މެދުތެރޭގައިވާ ސްޓޭޓެއްކަމަށްވާ ނޯތް ޑެކޮޓާގެ ޑިސްޓްރިކްޓް 8 ގެ ގޮނޑި އެވެ. ޑޭވިޑް އެންޑާލް ނިސްބަތްވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ. އެންޑާލްއަށް ކެމްޕޭން ކޮށްފައިވަނީ ވެސް ރިޕަބްލިކަން ޕާޓީގެ ނޯތް ޑެކޮޓާ ގޮފީގެ ކެންޕޭނާބެހޭ ފަރާތްތަކުން ކަމަށާއި އޭނާ އިންތިހާބުވެފައި ވަނީ ވަރަށް މަތިން ވޯޓު ލިބިގެން ކަމަށް ރިޕޯޓްތަށް ބުނެ އެވެ. އެންޑާލް މަރުވިއިރު އިންތިހާބާބެހޭ މަސްއޫލުވެރިންނަށް އެކަން އެނގިފައިނުވާ މައްސަލަ މިހާރުވަނީ ބަލަންފަށާފަ އެވެ. ނަމަވެސް އެންޑާލް މަރުވިކަން ރިޕަބްލިކަން ޕާޓީގެ ނޯތް ޑެކޮޓާ ގޮފީގެ ކެންޕޭނާބެހޭ ފަރާތްތަކަށް އެނގޭކަމަށް މައުލޫމާތު ލިބެ އެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ވޮޝިންގްޓަން ޕޯސްޓް" ބުނާގޮތުން ނޯތް ޑެކޮޓާ ސްޓޭޓްގެ ޕަބްލިކް ޕްރޮސެކިއުޓާ ވަނީ މިމައްސަލަ ބައްލަވާނެކަމަށް ވިދާޅުވެފަ އެވެ. އެންޑާލް ގެ ބަދަލުގައި ނޯތް ޑެކޮޓާ ގެ ޑިސްޓްރިކްޓް 8 ގެ ގޮނޑި އަށް އެެހެން ބޭފުޅަކު އިންތިހާބު ކުރުމާބެހޭ ލަފާ ނޯތް ޑެކޮޓާގެ ޕަބްލިކް ޕްރޮސެކިއުޓާ، އެސްޓޭޓްގެ އިންތިހާބާ ބެހޭ އިދާރާއަށް ދެއްވާނެކަމަށް "ވޮޝިންގްޓަން ޕޯސްޓް" ބުނެ އެވެ.

މީގެއިތުރުން އެމެރިކާގައި ބޭއްވި އިންތިހާބުގެ ވޯޓާސް ލިސްޓުގައި މީގެއެތަށް މަހެއްކުރިން މަރުވެފައިވާ އެތަށް ބައެއްގެ ނަންތަށް ހިމެނިފައިވާ އެތަށް މައްސަލަތަކެއްވަނީ ފެންމަތިވެފަ އެވެ. މިފަދަ ހާލަތްތަކުގައި މައްސަލައަކަށްވާނީ ވޯޓާސް ލިސްޓަށް ބަދަލުގެނައުމުގެ ފުރުސަތު އޮއްވައި މަރުވެފައިވާ މީހުންގެ ނަންތަށް އެލިސްޓުން އުނިކޮށްފައި ނުވުމެވެ. ވޯޓާސް ލިސްޓަށް ބަދަލުގެނައުމުގެ ފުރުސަތު ގެއްލުމަށްފަހު މަރުވެފައިވާ މީހުންގެ ނަންތަށް އޮތުމަކީ އެއްއިރެއްގައިވެސް މައްސަލައަކަށް ނުވެ އެވެ. (އެމެރިކާގެ މީޑިއާ)