މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ ޕައިލެޓޭޖް ހިދުމަތާއި އެއާ ގުޅުންހުރި ބައެއް ހިދުމަތްތަކުން ނަގާ އަގުތަކަށް ބަދަލު ގެނައުމަށް ނިންމައިފި އެވެ.

ޕޯޓް އިންކޮށްފައިވާ އިއުލާނެއްގައިބުނެފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕައިލެޓޭޖް ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ބަދަލު ގެނައުމަށް ނިންމާފައިވާ ހިދުމަތްތަކުގެ އަގުތަކުގެތެރޭގައި އެރައިވަލް އަދި ޑިޕާޗާ މޫވްމެންޓް އިން ނަގާ ފީތައް ހިމެނެ އެވެ. ޖީއެސްޓީއާ އެކު އެރައިވަލް އަށް އަދި ޑިޕާޗާއަށް ނަގާނީ 1،898.98 ރުފިޔާ ކަމަށާއި އެ އަދަދަކީ ފިކްސްޑް އަދަދެއް ކަމަށް ޕޯޓް އިން ބުނެ އެވެ. އެ އަދަދަކީ 500 ޖީޓީއިން ދަށުގެ އުޅަނދުތަކަށް ކަނޑައަޅާފައިވާ ފީއެއް ކަމަށް ޕޯޓުން ފާހަގަކޮށްފައިވެ އެވެ.

ފައްސަތޭކަ ޖީޓީއިން މަތީ އުޅަނދުތަކަށް މޫވްމެންޓް އަށް ނަގައި އަގުތަށް ވަނީ ހަތަރު ބަޔަކަށް ބަހާފަ އެވެ. އެއީ 501 ޖީޓީ އާއި 5،000 ޖީޓީ އާ ދެމެދުގެ އުޅަނދުތަކާއި 5،001 ޖީޓީއާއި 10،000 ޖީޓީއާ ދެމެދުގެ އުޅަނދުތަކާއި 10،001 އާއި 50،000 ޖީޓީއާ ދެމެދުގެ އުޅަނދުތަކުގެ އިތުރުން 50،000 ޖީޓީއިން މަތީ އުޅަނދުތަކެވެ.

ޕޯޓްސް އިން އާންމުކޮށްފައިވާ އިއުލާނުގައި ވަނީ ހާއްސަ އެކި ހާލަތްތަކުގައިވާ އުޅަނދުތައް ބަނދަރުކުރާނަމަ އެކަމުގައި ނަގާނެ ފީއާ ގުޅޭ މައުލޫމާތުވެސް ހިމަނާފަ އެވެ. އަދި ޑިޕްލޮމެޓިކް އުޅަނދެއް ބަނދަރުކޮށްފައި އޮންނަ ނަމަ އެފަދަ އުޅަނދުތަކުން ނަގާނެ ފީއެއްވެސް ވަނީ އިއުލާނުގައި ހާމަކޮށްފައިވެ އެވެ.