20 Jan 2012, 21:50
ބޭންކް އޮފް މޯލްޑިވްސްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހުޅުވާފައިވާ އެކައުންޓަކުން 30 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިރޭ ވިދާޅުވީ ދެ މީހުގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރު ކުރީ އިއްޔެ ކަމަށާއި ދެވަނަ މީހާ ހައްޔަރު ކުރީ މިއަދު ކަމަށެވެ. އަދި ވިދާޅުވީ ފުރަތަމަ މީހާ ހައްޔަރު ކުރީ 30،625،71.91ރ. ގެ ސައްހަ ނޫން ޗެކެއް ހިފައިގެން ބޭންކް އޮފް މޯލްޑިވްސްއަށް ގޮށް ފައިސާ ނަގަން އުޅެނިކޮށް ބޭންކުން ފުލުހުންނަށް އެ މައުލުމާތު ދިނުމުން ކަމަށެވެ.
"ފުރަތަމަ މީހާ ހައްޔަރު ކޮށް ތަހުގީގު ފެށުމަށް ފަހު ދެވަނަ މީހާ އަޅުގަނޑުމެން ހައްޔަރު ކުރީ މިއަދު. އެމީހުންނާ ބެހޭ އިތުރު މައުލޫމާތު ހޯދައި ތަހުގީގުތައް އަޅުގަނޑުމެން އެބަކުރަން،" ރިޔާޒު ވިދާޅުވި އެވެ. "މި ދެމީހުންގެ ރިކޯޑްސްތައް ވެސް އަޅުގަނޑުމެން މިދަނީ ބަލަމުން"
ރިޔާޒު އަދި ވިދާޅުވީ މި މައްސަލައާ ބެހޭ ތަފުސީލު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.