06 Nov 2020, 13:32
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނާ ނިމެމުންދާއިރު މިހާރު ވޯޓު ގުނަމުންދާ ސްޓޭޓުތަކުގެ ނަތީޖާތަކަށް ބަލާއިރު ޑޮނަލްޑް ޓްރަމްޕް އާއި ޖޯ ބައިޑެން އުޅެނީ އެއްވަރެއްގައި ކަމަށް ދައްކައިފި އެވެ.
އެމެެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު މިހާރު ވޯޓު ގުނާ ނުނިމެނީ މަދު ސްޓޭޓްތަކެއްގައެ ވެ. އެއީ ޖޯޖިއާ އާއި ޕެންސިލްވޭނިއާ އާއި އެރިޒޯނާ އާއި ނެވާޑާ އެވެ. މިއިން ބައެއް ސްޓޭޓްތަކުގެ ވޯޓު ގުނަން ފެށިއިރު ރިޕަބްލިކެން ކެނޑިޑޭޓް އަދި މިހާރުގެ ރައީސް ޑޯނަލްޑް ޓްރަމް ކުރީގައި އުޅުއްވި ނަމަވެސް ބައިޑެން ވަނީ މިހާރު ފަރަގު ކުޑަކޮށްފަ އެވެ.
ދެ ކެނޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގު ގިނަ ސްޓޭޓްތަކުގެ ނަތީޖާތަކަށް ބަލާއިރު ވަރަށް ކުޑައެވެ. އަދި ނަތީޖާ ބަދަލުވުން އެކަށީގެންވާ ކަމަށްވެސް ބެލެވެއެވެ. އެގޮތުން
ޖޯޖިއާ – 16 އިލެކްޓޯރަލް ވޯޓް / ޓްރަމްޕް ކުރީގައި
ޖޯޖިއާގެ އޮފިޝަލުން ބުނާގޮތުގައި އެ ސްޓޭޓުގައި މިހާރު ނުގުނާ އޮތީ އެންމެ 15،000 ވޯޓެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ޖޯޖިއާގައި ކުރީގައި އޮތީ ޓްރަމްޕް އެވެ.
ޓްރަމްޕް ކުރީގައި އޮތް ނަމަވެސް ދެ ކެނޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގު ވަނީ ބައިޑެން މިހާރު ކުޑަކޮށްފައެވެ. އެގޮތުން ދެ ކެނޑިޑޭޓުންގެ ދެމެދުގައި މިހާރު އޮތީ އެންމެ 2،000 ވޯޓުގެ ތަފާތެކެވެ. މިހާރު ބައިޑެން އަށް 2،445،321 ވޯޓް ލިބިފައިވާއިރު ޓްރަމްޕް އަށް ލިބިފައިވަނީ 2،447،223 ވޯޓެވެ.
ޕެންސިލްވޭނިއާ – 20 އިލެކްޓޯރަލް ވޯޓް / ޓްރަމްޕް
ޖޯޖިއާއާ އެއްގޮތަށް ޕެންސިލްވޭނިއާގައިވެސް ކުރީގައި އުޅެނީ ޓްރަމްޕް އެވެ. އެހެންނަމަވެސް ދެ ކެނޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގު ދަނީ ކުޑަވަމުން ކަމަށް އޮފިޝަލުން ބުނެއެވެ.
މީގެކުރީން ޓްރަމްޕް އާއި ބައިޑެންއާ ދެމެދުގައި 500،000 އަށްވުރެ ގިނަ ވޯޓުގެ ފަރަގެއް އޮތް ނަމަވެސް މިހާރު އެދެމެދުގައި އޮތީ އެންމެ 23،000 ވޯޓުގެ ފަރަގެކެވެ.
އޮފިޝަލުން ބުނާގޮތުގައި ޕެންސިލްވޭނީއާގައި ގުނާ ނުނިމޭ 550،000 ވޯޓު އެބަހުއްޓެވެ. ޕެންސިލްވޭނިއާގެ ނަތީޖާއަށް ބަލާއިރު ބައިޑެންއަށް 3،255،729 ވޯޓު ލިބުނު އިރު ޓްރަމްޕް އަށް ވަނީ 3،282،048 ވޯޓު ލިބިފައެވެ.
އެރިޒޯނާ - 11 އިލެކްޓޯރަލް ވޯޓް / ބައިޑެން
އެރިޒޯނާގައި ބައިޑެން ކުރީގައި އޮތް ނަމަވެސް ޓްރަމްޕް ދަނީ މަޑުމަޑުން ފަރަގު ކުޑަކުރަމުންނެވެ. އެގޮތުން ބައިޑެން އާއި ޓްރަމްޕް އާ ދެމެދުގައި 47،000 ވޯޓުގެ ފަރަގެއް އެބައޮތެވެ.
އޮފިޝަލުން ބުނާގޮތުގައި އެރިޒޯނާގައި ނުގުނާ 470،000 ވޯޓު އެބަހުއްޓެވެ. އެރިޒޯނާގެ ނަތީޖާއަށް ބަލާއިރު ބައިޑެން 1،528،319 ވޯޓް ލިބިފައިވާއިރު ޓްރަމްޕް އަށް 1،482،062 ވޯޓު ލިބިފައިވެއެވެ.
ނެވާޑާ – ހަ އިލެކްޓޯރަލް ވޯޓު / ބައިޑެން
ނެވާޑާގެ ނަތީޖާއަށް ބަލާއިރު މިވަގުތު ކުރީގައި އޮތީ ބައިޑެން އެވެ. މީގެކުރީން ދެ ކެނޑިޑޭޓުންގެ މެދުގައި ކުޑަ ފަރަގެއް އޮތް ނަމަވެސް ބައިޑެން ދަނީ ފަރަގު ކުޑަކުރަމުންނެވެ. އެގޮތުން ދެ ކެނޑިޑޭޓުންގެ ދެމެދުގައި މިހާރު 12،000 ވޯޓުގެ ފަރަގެއް އެބައޮތެވެ.
އޮފިޝަލުން ބުނާގޮތުގައި ނެވާޑާގައި ނުގުނާ 190،000 އެއްހާ ވޯޓު އެބަހުއްޓެވެ. އަދި ވަގުތީ ނަތީޖާއަށް ބަލާއިރު ޓްރަމްޕް އަށް 592،813 ވޯޓު ލިބުނު އިރު ބައިޑެން އަށް 604،251 ވޯޓު ވަނީ ލިބިފަ އެވެ.
ސްޓޭޓްތަކުގެ އޮފިޝަލުން ބުނާގޮތުގައި ވޯޓުތައް ގުނުމުގެ މަސައްކަތް މިއަަދު ހަވީރު ހާއިރު އެންމެ ލަސްވެގެން ވެސް ނިމޭނެ އެވެ.