05 Nov 2020, 23:25
ދުވާލެއްގެ މައްޗަށް މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށުގައި ހުރުމަށްފަހު، މިއަދު ކޭސްތައް ކުއްލިއަކަށް އިތުރުވީ، އެއާޕޯޓުގެ މަސައްކަތަށް ކުންފުންޏަކުން ގެނައި 45 މީހުން ޕޮޒިޓިވްވުމުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިއަދު ރާއްޖެއިން އިތުރު 71 މީހަކ ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހީންނާއި 56 ބިދޭސީންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 60 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 11 މީހުންނެވެ.
މިރޭ އެޗްއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެއިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު މާލެގައި ކޭސްތައް އިތުރުވީ އެއާޕޯޓުގައި މިހާރު ކުރާ މަސައްކަތްތަކެއްގެ ސަބް ކޮންޓްރެކްޓާ އެއްގެ ގޮތުގައި ހަރަކާތްތެރިވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީން ގެނައި ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވުމުން ކަމަށެވެ.
"އެބޭފުޅުން އެކި ސަރަހައްދުތަކުން ބޭރު މީހުން ނަގައިގެން މަސައްކަތަށް ގެންގޮސް، އޭގެތެރެއިން ބަޔަކު ޓެސްޓުކުރުމާއެކު އޭގެ ތެރެއިން 45 މީހަކު ޕޮޒިޓިވްވެފައި ވަނީ މިއަދު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ކޭސްތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ކޮންޓެކްޓް ޓްރޭސިން ވެސް ކުރިއަށްދާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު، ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 11،893 އަށް އަރާފަ އެވެ. އޭގެ ތެރެއިން 11،010 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 838 އެވެ. އަދި މިބަލީގައި ރާއްޖެއިން 38 މީހަކު ވަނީ މަރުވެފަ އެވެ.
މިވަގުތު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށާއި، 30 ރިސޯޓުގައި ބަލީގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި 52 ފަތުރުވެރިންނާއި 120 ރިސޯޓު މުވައްޒަފުން ހިމެނެއެވެ.