ނ. ވެލިދޫ ކައިރިން މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ވެލިދޫއާއި ވެލިދޫ ކައިރީގައި އޮންނަ ފަޅުރަށެއްކަމުގައިވާ ކަނޑޫދޫ އާއި ދޭތެރޭ ކަނޑުމަތީގައި މި ގަބުރު އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނު 11:15 އެހާކަށް ހާއިރު އެ ޑިންގީ އަކުން މަހަށް ނުކުމެ އުޅުނު ވެލިދޫ ބަޔަކަށެވެ.

ޕޮލިސް މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ގަބުރު ފެނުނު އިރު ގަބުރު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފަ ކަމަށެވެ. އަދި އެއީ ފިރިހެނެއްގެ ހަށިގަނޑުކަމަށް ޔަގީން ކުރެވޭ ކަމަށާއި ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ކަށަވަރު ނުކުރެވޭ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ ގަބުރުގެ ފެނުނު އިރު ގަބުރުގެ ދެފައިގެ ކަކުލުން ފެށިގެން ތިރި އާއި އަތުގެ އުޅަބޮށިންފެށިގެން ތިރިއެއް ނެތެވެ.

އޮފިޝަލު ވިދާޅުވީ ހަށިގަނޑު ހަލާކުވެފައި އޮތުމުން ތަހުގީގަށް ބޭނުންވާ ހުރިހާ ސާމްޕަލްތަކެއް ނެގުމަށްފަހު ޑޮކްޓަރުންނާއި ނަރުހުންގެ ލަފާގެ މަތިން އެ އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިވާ ކަމަށެވެ.